09 Oct 2018, 12:52
ސިނަމާލެ ބްރިޖުގައި ދުއްވުމަށް ޑަބަލް ޑެކާ ބަހެއް ގެނެސްފިއެވެ.
ބްރިޖުގައި ބަހުގެ ހިދުމަތްދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މި ބަހަކީ 90 މީހުންގެ ޖާގައިގެ ބަހެއް ކަމަށެވެ.
ރެޖިސްޓްރޭޝަންގެ ކަންތައް ނިމުނުހާ އަވަހަކަށް ބަސް ބޭނުންކުރަން ފަށާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ. ބަސް ދަތުރުތައް ކުރުމަށް އެމްޕީއެލް އިން ނުވަ ބަހެއް މިހާރު ބޭނުން ކުރެއެވެ. އެއީ ހަތް ސިޓީ ބަހާއި ދެ ކައުޗް ބަހެވެ.
"މިހާރު ހިދުމަތް ދިނުމަށް ބެނުންކުރަނީ ނުވަ ބަހެއް. ޑަބަލް ޑެކާ ބަހާއެކު 10 ބަސް ބޭނުން ކުރެވޭނެ. އަޅުގަނޑުމެން ނިންމާފައިއޮތީ އަދި އިތުރު ހަތް ޑަބަލް ޑެކާ ބަސް އަދި ފަސް ކައުޗް ބަސް ގެންނަން،" އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.
ރައްޒާގު ވިދާޅުވީ މާލެ ތެރޭގައި ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި އަންނަ އަހަރު ތެރޭގައި ކުދި ބަސްތަކެއް ބޭނުންކޮށްގެން އެ ހިދުމަތް ފެށޭނެ ކަމަށެވެ.
"ފެރީ ޓާމިނަލް ތަކާ، ސްކޫލުތައް، އޮފީސްތަކާއި ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތަކުން މީހުން ނަގައިގެން މެއިން ބަސް ސްޓޮޕް އަށް ދާގޮތަށް ހިދުމަތް ފަށަން ރާވާފައި މިއޮތީ. އެފިޝިއެންޓް ޕަބްލިކް ޓްރާސްޕޯޓުގެ ހިދުމަތެއް ދިނުން އަމާޒަކީ،" ރައްޒާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ-މާލެ ބަސް ދަތުރުތަކުގެ ޑިމާންޑް ރަނގަޅު ކަމަށެވެ.
"ފެށުމެއްގެ ގޮތުން އެއް މަސްދުވަހަށް ހިލޭ ދަތުރުތައް ބޭއްވުމަށް ނިންމާފައި އޮތީ. ކަސްޓަމަރުންގެ ފީޑްބެކާއި ތަޖުރިބާ އަށް ބަލައި ޝެޑިއުލަށް ގެންނާނެ ބަދަލުތަކާޢެކު ބަހުގެ އަގު ފައިނަލް ކުރަން [ޓްރާންސްޕޯޓަށް] ފޮނުވާފައިވީ،" ރައްޒާގު ވިދާޅުވިއެވެ.
މީގެ ކުރިން އެމްޕީއެލް އިން ބުނެފައިވަނީ ބްރިޖު ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށެވެ.