09 Oct 2018, 09:19
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި އިއްޔެ މެންދުރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ހިމާޔަތްކުރި އެއް ސަރަހައްދު ކަަމަށްވާ ށ. ފަރުކޮޅު ހިމަޔާތްކޮށްފައި ވަނީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމާގުޅިގެން އޭގެ ބަދަލެއްގެ ގޮތުން ކަމަށެވެ.
"ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ދޫކޮށްފައިވާ ހުއްދައިގައި ވަނީ ގުދުތަރީ އަދި ތަބީއީ ސިފަތައް ހިމެނޭ ގޮތަށް އެ ސަހަރައްދަށް ވުރެ ކުޑަނޫން ސަހަރައްދެއް ނުވަދަ ސަހަރައްދުތަކެއް، ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތާނގައި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ހިމާޔަތް ކުރުން. މި ސްޓޭޓްމެންޓްގައިވާ ގޮތަށް ޗަސްބިން އަދި ކުޅީގެ ބަދަލުގައި މިތަން ސަރުކާރުން ހިމާޔަތް ކޮށްފައި މިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ދާދިފަހުން އެޅި އެއާޕޯޓް އަޅާފައި ވަނީ އެރަށުގެ ޗަކަ ބިމާއި ކުޅީގެ ބޮޑު ބައެއް ހިއްކައިގެންނެވެ.
ހިމާޔަތްކުރި ފަރުކޮޅުގެ ބޮޑުބަޔަކީ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދެކެވެ. އަދި އެ ރަށުގައި ތަފާތު ހަތް ކުޅިއެއް އުފެދިފައި އޮވެ އެވެ. އަދި އެ ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ވެފައިވާ ތަންތަނެވެ.
ހިމާޔަތް ކުރި އަނެއް ސަރަހައްދަކީ އއ. ރަސްދޫގެ މަޑިވަރު ސަރަހައްދެވެ. ރަސްދޫގެ އިރުދެކުނުން އޮންނަ ކަނޑުއޮޅިއާއި ކަނޑުއޮޅި ކައިރީގައިވާ ފަރުގެ ސަރަހައްދަކީ، ނުވަތަ ރަސްދޫ މަޑިވަރަކީ ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ސަރަހައްދެކެވެ. އެކި ނަސްލުތަކުގެ ދިރުންތައް ގިނަ އަދަދަކަށް އުޅޭ މިސަރަހައްދަކީ ބައިނަލްއަޤްވާމީ ގޮތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ. އެ ސަރަހައްދަކީ ރާއްޖޭގެ ޑައިވް ސްޕޮޓްތަކުގެ ތެރެއިން އެންމެ ގިނައިން ކާލިގަނޑު މިޔަރު ފެންނަ ސަރަހައްދު ވެސް މެ އެވެ.
ތިން ވަނަ އަށް ހިމާޔަތްކޮށްފައި ވަނީ ގދ. ދިގުވާބަދޫ ސަރަހައްދެވެ. އެރަށުގެ ބައްޓަން ހުންނަ ގޮތުން ކޮއްލަވާންޏެއް ގޮތަށް އުފެދިފައިވާ އިރު، މިއީ ރާއްޖޭގެ ވަރަށް މަދު ރަށަކަށް ނޫނީ ނުފެންނަ، ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ވަރަށް ރީތި ރަށެކެވެެ.
ދިގުވާބަދޫ އޮންނަ ބައްޓަމުގެ ސަބަބުން އެރަށުގެ ފަޅުތެރެއަށް ހުޅުވިފައިވާ ކޯރު ނުވަތަ އިނގިރޭސި ބަހުން "ބޭ އޭރިޔާ" އަކީ ހުޅަނގު މޫސުމުގައި އުފެދޭ ބާނީތަކުންނާއި ރާޅުން ރައްކާތެރިވެފައިވާ ވެއްޓެކެވެ. އެހެންކަމުން މި ބޭއޭރިޔާއަކީ މިޔަރާއި، މަޑިއާއި ވަރަށް ގިނަ ފަރުގެ ދިރުންތައް ވިހައި އާލާވާ ސަރަހައްދެކެވެ.