މާލޭގައި ރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭނާ އަށް އޭޑީކޭގެ އައިސޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ އިން ބުނެ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޮލިމްޕަސް ކައިރިން ރޭ މީހަކަށް ތޫނު އެއްޗަކުން އޭނާގެ ހަށިގަނޑުގެ ތިން ތަނަކަށް ވަނީ ހަމަލާދީފަ އެވެ. އެ ސަރަހައްދުގައި ބައިވަރު ލޭހުރި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.

އޭޑީކޭގައި ހުރި ސަންގެ ނޫސވެރިޔާ ބުނީ އެމީހާގެ ބުރަކައްޓާއި ކަރަށް އަދި މެޔަށް ވަޅި ޖަހާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު، އެ މީހާ އަށް ހަމަލާދިން ސަރަހައްދުގައި ލޭގެ ކޯރެއް ވަނީ ހެދިފަ އެވެ. އަދި އެ ސަރަހައްދުގައި ސައިކަލެއް ވެސް ވެއްޓިފައި އޮތެވެ.

ރޭގައި މާލޭގައި ހަމަނުޖެހުމެއް ވެސް ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ހަމަނުޖެހުމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ދެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.