ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ" އިން މިހިގާ ސެޕްޓެމްބަރު މަހުގެ 21 ވީ ބުދަ ދުވަހު އިއުލާން ކުރި "ކޮކާ-ކޯލާ ވޯލްޑް ރޭންކިން" ގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް ހިގައްޖެ އެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 165 ވަނައިގަ އެވެ.

މިމަހު ރާއްޖެ ތިން ދަރަޖަ ފަހަތަށް ދިޔައިރު، ހުސްވި އޮގަސްޓް މަހު ދެ ދަރަޖައިގެ ނާކާމިޔާބީއެއް ލިބުނު އިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ ހުސްވި މަހު އޮތީ 162 ވަނައިގަ އެވެ.

މިފަހަރު އިއުލާން ކުރި ރޭންކިންއަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު، އޮގަސްޓު މަހު އިއުލާންކުރި ރޭކިންގް ލިސްޓުގައި ވެސް ރާއްޖެ އޮތީ ހަމަ ސަރަހައްދުގެ ހަތަރު ވަނައިގަ އެވެ.
މިއަހަރުގެ މޭ މަހު ރާއްޖެ އަށް ދުނިޔޭގެ 148 ވަނަ ލިބުނުއިރު، މުޅި މިއަހަރު ވެސް އެންމެ ބޮޑު ނާކާމިޔާބީއެއްވީ މި ސެޕްޓެމްބަރު މަހު އިއުލާން ކުރި ލިސްޓުން ނެވެ.

ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު މިފަހަރު ވެސް ސަރަހައްދުގެ އެއް ވަނަ ނޭޕާލް ހޯދިއިރު ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ 134 ވަނައިގަ އެވެ. ސަރަހައްދުގެ ދެ ވަނައިގައި އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ބަންގްލަދޭޝް އޮތް އިރު، ދުނިޔޭގެ ރޭންކިންގައި ބަންގްލަދޭޝް އޮތީ 138 ވަނައިގަ އެވެ.

ހަތަރު ދަރަޖާގެ ގެއްލުމަކާ އެކު ސަރަހައްދުގެ ތިން ވަނައިގައި މިފަހަރު އޮތީ އަވައްޓެރި އިންޑިއާ އެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 162 ވަނައިގަ އެވެ.

އަވައްޓެރި ޕާކިސްތާން މިފަހަރުވެސް ފަސް ވަނައިގައި އޮތްއިރު، ދުނިޔޭގެ ރޭންކިންގައި އޮތީ 170 ވަނައިގަ އެވެ. އަދި އަވަށްޓެރި ސްރީލަންކާ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު ސަރަހައްދުގެ ހަ ވަނައިގައި އޮތް އިރު، ދުނިޔޭގެ ރޭންކިން ލިސްޓުން އެޤައުމު ހިމެނެނީ 176 ވަނައިގަ އެވެ. ސަރަހައްދުގެ ހަތް ވަނަ މަގާމުގައި އަފްގާނިސްތާން އޮތްއިރު، ދުނިޔޭގެ ރޭންކިން ލިސްޓުގައި އެޤައުމު އޮތީ 183 ވަނައިގަ އެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި ބޫޓާން އޮތްއިރު، އެޤައުމުން މިފަހަރު ވަނީ އެއް ދަރަޖާގެ ކުރިއެރުމެއް ހޯދައިފަ އެވެ. ދުނިޔޭގެ ރޭންކިން ލިސްޓުގައި ބޫޓާން އޮތީ 200 ވަނައިގަ އެވެ.

ދުނިޔޭގެ ރޭންކިންގް ލިސްޓުގެ އެންމެ ކުރި މިފަހަރު ހޯދި ޤައުމަކީ ސްޕޭން އެވެ. ޔޫރަޕް އަދި ދުނިޔޭގެ ޗެމްޕިއަން ސްޕޭން އިން ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ހިފަހައްޓަމުން އައި އެއް ވަނަ މަގާމުން ވައްޓާލުމަށް ފަހު މިދިޔަ މަހުގެ ރޭންކިންގެ އެއް ވަނަ ހޯދީ ހޮލެންޑެވެ. ނަމަވެސް މި މަހުގެ ރޭންކިންގައި ހޮލެންޑަށް ލިބިފައި ވަނީ ދެ ވަނަ އެވެ. ތިން ވަނައިގައި އޮތީ ޖަރުމަނެވެ.