އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް، ރާއްޖެ ވަޑައިގެން ދައުލަތުގެ ބައެއް އިސް ފަރާތްތަކާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު މާކް މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވީ މިއަދު ހެދުނު އެވެ. ވެލާނާ އިންޓަނޭޝަނަލް އިން އެމަނިކްފާނަށް މަރުހަބާ ދެންނެވީ ފޮރިން ސެކެޓްރީ އަހުމަދު ސަހީރެވެ.

މިއަދު މެންދުރު މާކް ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރި ވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނި ގޮތުގައި އެ ބައްދަލު ކުރެއްވުމުގައި ދެގައުމު ދެމެދުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ސަލާމަތީ ކަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ ޓެރެރިޒަމްގެ ކުށްތައްކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލިސްގެ މެމްބަރު ކަން ވެސް ކުރައްވަމުން ގެންދަވާ މާކް ވަނީ ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުﷲ މަސީހާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މިނިސްޓަރު މާކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުވުންތަކުގައި އިންތިހާބީ ސަރުކާރު އަމާން އޮމާން ކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަޖިލީހުގެ ކަންކަމާ ބެހޭ ގޮތުން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދާ ތަން ބަލަން އިނގިރޭސި ވިލާތުން ބޭނުންވާ ކަމަށް މާކްގެ ޓްވީޓްގައި ފާހަގަ ކުރެއްވި އެވެ.

މާކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކާ ވެސް ބައްދަލު ކުރެއްވި އެވެ. އަދި މިއަދު އެމަނިކުފާން ވަނީ އިންތިހާބީ ރައީސް އިބޫ އާ ބައްދަލު ކުރައްވައި ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީތެރިވެދިނުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.