08 Oct 2018, 09:24
ވޮޝިންޓަން (އޮކްޓޯބަރު 7): އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ކެނޑިޑޭޓު، ބްރެޓް ކެވަނާއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.
ކެވަނާ އެމަގާމަށް އައްޔަންކޮށްފައި ވަނީ އޭނާ ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ތިން އަންހެނަކު ތުހުމަތުކޮށްފައި ވަނިކޮށެވެ. އަދި އެތުހުމަތުތަކާ ގުޅިގެން ސެނެޓުގެ ޖުޑިޝަރީ ކޮމިޓީން އަޑު އެހުންތަކެއް ބޭއްވި ފަހުންނެވެ. އެއަޑުއެހުންތަކުގައި ކެވަނާ އާއި އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ރިސާޗް ސައިކޮލޮޖިސްޓު، ޕްރޮފެސާ ކްރިސްޓިން ބްލާސޭ ފޯޑް ބަޔާން ދެއްވި އެވެ.
މީގެ އިތުރުން އެފްބީއައިއިންވެސް ވަނީ އެތުހުމަތުތަކާ ބެހޭ ގޮތުން ފަސް ދުވަހުގެ ތަހުގީގެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ކެވަނާއަށް ރުހުން ދިނުމަށް ސެނެޓުން ވޯޓު ނެގުމުގެ ކުރިން، ސެނެޓުގެ މެމްބަރުންނާ އެސިއްރު ރިޕޯޓު ހިއްސާކޮށްފަ އެވެ.
އޭގެ ފަހުން، އިއްޔެ ސެނެޓުގެ 50 މެމްބަރުން ވަނީ ކެވަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރުހުން ދީފަ އެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 48 މެމްބަރުންނެވެ. އަދި އިއްޔެ ކެވަނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފަ އެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކެވަނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުން ވެގެން ދިޔައީ އެޕާޓީއަށާއި ރައީސް ޓްރަމްޕަށް ލިބުނު ބޮޑު ކާމިޔާއަކަށެވެ. ސަބަބަކީ ކެވަނާ އެމަގާމަށް ވަޑައިގެންނެވުމާ އެކު، ސުޕްރީމް ކޯޓުގައި ތިއްބަވާ ކަނާތު ފިޔައިގެ ފަނޑިޔާރުންގެ އަދަދު ވާތު ފިޔައިގެ ފަނޑިޔާރުންނަށް ވުރެ އިތުރު ވެގެންދާނެ އެވެ.