އިނގިރޭސިވިލާތުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިވުމާ ބެހޭގޮތުން އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އާ މަޝްވަރާކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޯރ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް މިއަދު ހެނދުނު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. އޭނާގެ އަރިހުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސްވެސް ރާއްޖެ ވަޑައިގަތެވެ.

ދެ ބޭފުޅުން މިއަދު ހެނދުނު ވަނީ އިންތިހާބީ ރައީސް އިބޫއާ، އެމަނިކުފާނުގެ އޮފީހުގައި ބައްދަލުކުރައްވައިފައެވެ. އަދި ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީތެރިވެދިނުމާ ބެހޭގޮތުން އިނގިރޭސި ވަފުދުން އިބޫއާ މަޝްވަރާކުރިއެވެ.

އޭގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާއި، މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ ހަރުދަނާކޮށް އިސްލާހުކުރުމުގެ އިތުރުން، އެސެޓް ރިކަވަރީގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރިއެވެ.

އެ ބައްދަލުވުމަށްފަހު އިނގިރޭސި ސްޓޭޓް މިނިސްޓަރ މާކް ފީލްޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިބޫގެ އިންތިހާބީ ކާމިޔާބީއަށް މަރުހަބާ ވިދާޅުވާ ކަމަށާއި، އާ ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް އިނގިރޭސިވިލާތުން އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ސަފީރު ވިދާޅުވީ އިބޫއާ އެކު ބޭއްވި ބައްދަލުވުމުން، ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.