22 Sep 2011, 14:47
މާލޭ ރޯމަސް މާރުކޭޓް ވިޔަފާރި އުސޫލުން ހިންގައި ބަލަހައްޓާނެ ފަރާތެއް ހޯދުމަށް މާލޭސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭ ރޯމަސް މާރުކޭޓުން ވިއްކާ މަހަކީ ކެއުމަށް އެކަށީގެންވާ މަހެއް ނޫން ކަމަށް ދުނިޔޭ ޞިއްހަތު ޖަމިއްޔާ އިން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން މަސްމަރުކޭޓުން ވިއްކާ މަހަކީ މާރުކޭޓް ހިންގާ ފަރާތްތަކުން ޒިންމާދާރު ގޮތަކަށް މާރުކޭޓް ހިންގައި ބަލަހައްޓާނެ ފަރާތެއް ހޯދައި އެ ފެންވަރުގެ ތަނަކަށް މާރުކެޓްހަދައި ޞިއްހީ ގޮތުން ވެސް މާރުކޭޓްގައި ވިއްކާ މަހުގެ ކޮލިޓީ ރަނގަޅުކޮށް އަމިއްލަ ފަރާތަކުން މާރުކޭޓް ހިންގާ ގޮތަށް ބަދަލުކުރަން ޖެހުނީ ކަމަށް ސިޓީ ކައުންސިލްގެ ޢިއުލާންގައިވެ އެވެ.
"މިހާރަކަށް އައިސް މާލޭ ރޯމަސް މާރުކޭޓުން ވިއްކާ މަހަކީ ޞިއްހީ ގޮތުން ކެއުމަށް އެންމެ އެކަށީގެންވާ މަހެއް ނޫން ކަމަށާއި، އަދި އެމަހަކީ ޑަބުލިޔު އެޗްއޯ މިންގަނޑަށް ބަލާއިރު ވެސް ކާންކަމުދާ މަސްތަކެއް ނޫންކަމަށާއި، ބައެއް މަސްތައް ދެފަހަރަށް ފިނިކޮށް، ފިނިކެނޑި ކުނިވެފައިވާ ކަމަށާއި މިފަދަ އެތައް ޝަކުވާތަކެއް އާއްންމުންގެ ފަރާތުން ދަނީ މާލޭ ސިޓީ ކައުންސިލަށް ލިބެމުންދޭ،" ސިޓީ ކައުންސިލުން ނެރުނު ޢިއްލާންގައިވެ އެވެ.
އެކަމާގުޅޭ ގޮތުން މާލޭ ސިޓީކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ސަން އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެފަރާތުން ބޭނުންވަނީ މަސްވެރިންނަށް ފަސޭހަ ގޮތަށް މަސްވިއްކުމުގެ އިންތިޒާމް މާރުކޭޓްގައި ހަމަޖައްސައި، މަހުގެ ކޮލިޓީ ހިފެހެއްޓޭނެ ފެންވަރަކަށް މާރުކޭޓްގައި މަސްވިއްކުމުގެ އިންތިޒާމެއް ހަމަޖެއްސުން ކަމުގައެވެ.
މަސްމާރުކޭޓް ބަޔަކަށް ކުއްޔަށް ހަވާލުކުރާ އިރު ސިޓީ ކައުންސިލްގެ ފަރާތުން މާރުކޭޓް ހިފާފަރަތުގެ އަތުން އެއްވެސް ލާރިއެއް ނެގުމަށް ހަމަޖހިފައި ނުވިނަމަވެސް، މާރުކޭޓްގައި މަސްބަހައްޓާ ފަރާތްތަކުގެ އަތުން ހިންގާ ފަރާތަށް ކޮންމެ ވެސް ވަރެއްގެ ޗާޖެއް ނަގާނެ ކަމުގައި ޝުޖާޢު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން މާރުކޭޓުން ވިއްކާ މަހުގެ އަގު ބޮޑުވެގެންނެއް ނުދާނެ، އަދި ވިއްކާ މަސްކޮލިޓީވެފައި ސިއްހިގޮތުން ރަނގަޅު ފެންވަރެއްގައި ތާޒާކާމާ އެކު މަސްމާރުކޭޓުން ލިބޭނެ. އަދި އެކަން އަޅުގަނޑުމެން ސިޓީ ކައުންސިލްގެ ފަރާތުން މޮނިޓާ ކުރަމުންގެންދާނަން،" ޝުޖާއު ވިދާޅުވި އެވެ.