އިސްތަންބޫލް (އޮކްޓޯބަރު 7): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް މިދިޔަ އަންގާރަ ދުވަހު ދިޔަ ފަހުން ގެއްލުނު ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ މަރާލާފައިވާ ކަމަށް ތުރުކީ އޮފިޝަލުން ތުހުމަތުކޮށްފި އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ތުރުކީގެ ފުލުހުންނާ ގުޅުން ހުރި ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން، ފުލުހުން ގަބޫލު ކުރާ ގޮތުގައި ޚަޝޯގީ ވަނީ ކޮންސިއުލޭޓު ތެރޭގައި މަރާލާފަ އެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑު ވަނީ ކޮންސިއުލޭޓުން ބޭރަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ވޮޝިންޓަން ޕޯސްޓުން ތުރުކީގެ އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި ޚަޝޯގީ މަރާލާފައި ވަނީ "އެކަމަށް ހާއްސަކޮށް ތުރުކީއަށް ދިޔަ" ސައުދީ 15 މީހުންގެ ޓީމަކުންނެވެ.

ނަމަވެސް ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ އެގައުމުން ފޮރުވަން ބޭނުންވާ އެއްޗެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ސައުދީ ކޮންސިއުލޭޓު ބަލާ ފާސް ކުރުމުގެ ހުއްދަ ތުރުކީއަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑު ކިޔާފައިވާ ޚަޝޯގީ ގެއްލިފައި ވަނީ އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭނާ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ، ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔެންތަކެއް ހަމަޖެއްސުމަށްޓަކަ އެވެ.

ޚަޝޯގީއާ އެކު އެކޮންސިއުލޭޓަށް ދިޔުމަށް ފަހު، ކޮންސިއުލޭޓުގެ ބޭރުގައި މަޑު ކުރި އޭނާގެ ލޯބިވެރިޔާ ވަނީ ޚަޝޯގީ އެއިމާރާތުން ނުނިކުންނަ ކަމަށް ބުނެފަ އެވެ.

ތުރުކީގެ ވެރިކަން ކުރާ އޭކޭ ޕާޓީން ވަނީ އެގައުމުން ވަރަށް ބޮޑު އިސްކަމެއް ދީގެން ޚަޝޯގީއަށް ވީގޮތެއް ހޯދާނެ ކަމަށް ބުނެފަ އެވެ.