07 Oct 2018, 09:18
ސްރީލަންކާގެ ރައީސް މައިތިރަޕާލާ ސިރިސޭނާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ކެބިނެޓް މިނިސްޓަރަކު ރާއްޖެ ވަޑައިގެން، އިންތިޚާބީ ރައީސާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސިރިސޭނާގެ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތީ އެގައުމުގެ ކުޅިވަރާއި ލޯކަލް ކައުންސިލްތަކާބެހޭ ވުޒާރާގެ މިނިސްޓަރު ފައިޒަރު މުސްތަފާއެވެ.
ފައިޒަރު އިއްޔެ ވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރު މޭޖާ ޖެނެރަލް (ރޓޑ) އަސޯކާ ތޮރަދެނިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޖަރުމަނުވިލާތުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށްފަހު މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާވެސް ލަންކާގެ ރައީސްގެ މަންދޫބު ބައްދަލުކުރެއްވިއެވެ.
ލަންކާގެ މިނިސްޓަރު ފައިޒަރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އަރުއްވައިފައެވެ. ޖަލުގައި ހަތް މަހެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު ކަފާލާތުގެ ދަށުން މައުމޫން މިނިވަންވެވަޑައިގަތީ މިދިޔަ ހަފްތާ ތެރޭގައެވެ. އެމަނިކުފާނަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން، އެގައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަވެސް ފޯނުން ގުޅުއްވައި، ހާލު ބައްލަވާފައިވެއެވެ.
ސިރިސޭނާގެ މަންދޫބަކު ރާއްޖެ ވަޑައިގެން އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލު ކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހާ ފޯނުން ގުޅުއްވައި، ރައީސް ސިރިސޭނާ ވަނީ މީގެ ކުރިން މަރުހަބާ ދަންނަވައިފައެވެ.