ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މާލެ ވަޑައިގެންފި އެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދައިވެގެން ތިން އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅުއްވުމަށްފަހު ޑރ. ޖަމީލް މާލެ ވަޑައިގެންނެވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ.ޖަމީލް ވެލާނާ އިންޓަރނޭޝަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހާބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހީމެވެ. ގާސިމް ގެ ޕޮލިޓިކަލް އެޑެވައިޒަރު ގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. ޖަމީލަށް މަރުހަބާ ދެންންވުމަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން އަދި އައިލާގެ ބޭފުޅުންވެސް ވަޑައިގެންނެވި އެވެ.

މި ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ. ޖަމީލް އިނގިރޭސީވިލާތައް ފުރާވަޑައިތީ 2015 ވަނަ އަހަރު އެމަނިކުފާނު ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސްއަށް ވައްދަން މަސައްކަތް ކުރި ހިސާބުންނެވެ. އެފަހުން އެމަނިކުފާނު ވަނީ މި ސަރުކާރަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ފައްޓަވާފައެވެ.

އެމަނިކުފާނު ވަނީ އިދިކޮޅު އިއްތިހާދު "މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން" ގެ ލީޑަރުކަން ވެސް ކުރައްވާފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް، ތަހުގީގަށް ހާޒިރުކުރެވިފައިނުވާތީ އެމަނިކުފާނު ހޯދަން ފުލުހުން މީގެކުރިން އިއުލާންވެސް ކުރިއެވެ.