07 Oct 2018, 09:21
އިލެކްޝަން ކޮމިޝަން (އީސީ) ގެ ހަތަރު މެމްބަރުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރިޔާސީ އިންތިހާބަށްފަހު، ވެރިކަންކުރާ ޕީޕީއެމް އިން ވޯޓު އޮޅުވާލަކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެ ޕާޓީއަށް ދެއްކިފައެއްނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި އެ ކޮމިޝަން ގެ މެންބަރު އަހުމަދު އަކްރަމާއި އިސްމާއިލް ހަބީބާއި އަލީ ނަޝާތު މިވަގުތު ހުންނެވީ ރާއްޖެއިންބޭރުގައެވެ. މާލޭގައި ހުންނެވީ އެކޮމިޝަން ގެ ރައީސް އަހްމަދު ޝަރީފް އެކަންޏެވެ.
ޕީޕީއެމް އިން އިއްޔެ އެޕާޓީގެ އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އީސީ މެމަބަރުންނަށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށާއި ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެބޭފުޅުން ރާއްޖެއިން ބެރަށް ވަޑައިގަތުމަކީ ޕީޕީއެމް އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ހައްސާސް ވަގުތެއްގައި އެ ހަތަރު މެމެބަރުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަކީ، މީވެސް މި އިލެކްޝަންއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް [ކުރެވޭ ތުހުމަތުތަކަށް] ބާރެއް ލިބޭކަމެއް ނޫންބާއޭ،" އާރިފު ސުވާލު އުފެއްދިއެވެ.
މެމްބަރުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމަތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ނަތީޖާ އިއުލާން ކުރި ދުވަހުން ފެށިގެން އީސީގެ މެމްބަރުން އުޅެން ޖެހިފައިވަނީ ވަރަށް ބިރުވެރި މާހައުލެއްގައި ކަމަށާއި އެ މެމްބަރުންނަށް ގޭންގުތަކުން މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ. އެ މެމްބަރުން ފިއްލެވީ ނޫން ކަމަށާއި އެބުރި ރާއްޖެއަށް ވާޑައިގަންނަވާނެ ކަމުގެ ޔަގީން ކަން ވެސް ޝަރީފް ދެއްވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ ބޮޑެތި ތުހުމަތުކައެއް ޕީޕީއެމް އިން ދަނީ އީސީގެ މައްޗައް ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން އެ ޕާޓީ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒަހާރަތަކެއް ވެސް ދަނީ ކުރަމުންނެވެ. ނަވެސް އިސީ އިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަން އިން ވަނީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތިއްޖާ އިއުލާންކޮށްފަ އެވެ. އެ ނަތީޖާ އިން 58.4 ޕަސެންޓާ އެކު އިދިކޮޅު ކެންޓިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.