ރައީސުލްޖުމްހޫރިއްޔާގެ މަގާމަަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ) ޗައިނާގެ ސަފީރު ޖެންގް ލީޖޮންގްއާ ބައްދަލުކުރައްވައިފިއެވެ.

ސޯލްޓް ކެފޭގައި އިއްޔެ ހެނދުނު ބޭއްވި ބައްދަލުުވުމުގައި، އިބޫގެ ސަރުކާރުގައިވެސް ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ މަޝްވަރާކުރައްވައިފައެވެ.

އެގޮތުން، ގެދޮރު ބިނާކުރުމާއި، ފެނާއި ނަރުދަމާ ފަދަ ހިދުމަތްތައް ދިނުމުގައި ޗައިނާއިން އެހީތެރިވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސްކަމަށް އިބޫ ހޮވުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖީ ޕިންވެސް ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި ޗައިނާއާ ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އާ ސަރުކާރުން އިހުތިރާމުކުރާނެކަމަށް އުންމީދުކުރާކަމަށްވެސް ޗައިނާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ޗައިނާއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑެތި ބައެއް މަޝްރޫއުތައް ކަމުގައިވާ، ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޯޑު އެފް ރަންވޭގެ އިތުރުން ހައްދުންމަތީ ލިންކު ރޯޑުގެ މަޝްރޫއަކީ ޗައިނާގެ އެހީތެރިކަމާއެކު ހިންގާފައިވާ މަޝްރޫއުތަކެކެވެ.

އިބޫ ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާވެސް ބައްދަލުކުރައްވައިފައެވެ.

އިންތިހާބާ ގުޅިގެން އެމެރިކާ، ރަޝިއާ، އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާގެ އިތުރުން ސައުދީ އަރަބިއާއިންވެސް އިބޫއަށް ވަނީ މަރުހަބާ ކިޔައިފައެވެ.