06 Oct 2018, 16:34
ޕެރިސް (އޮކްޓޯބަރު 6): ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި ޗައިނާއަށް ވަޑައިގެންނެވި ފަހުން ގެއްލުނު މައްސަލަ ފްރާންސުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޗައިނާގެ ރައްޔިތެއް ކަމަށްވާ މެންގް ދިރިއުޅުއްވަނީ އިންޓަޕޯލްގެ މައި އޮފީސް ހުންނަ، ފްރާންސްގެ ލިއޯންގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 25ގައި އޭނާ ޗައިނާއަށް ވަޑައިގެންނެވި ފަހުން މެންގްގެ ހަބަރެއް ނުވާ ކަމަށް މެންގްގެ އާއިލާއިން ވަނީ ބުނެފަ އެވެ.
ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އެމައްސަލައިގެ ތަހުގީގަށް ޗައިނާއާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ. އަދި މެންގްގެ އާއިލާއަށް ބަޔަކު އިންޒާރު ދެމުންދާތީ، އެއާއިލާއަށް ފުލުހުން ރައްކާތެރިކަން ދީފައިވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް މެންގް ގެއްލުނު މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ފްރާންސުން އިތުރު އެއްޗެކޭ ނުބުނެ އެވެ. އަދި ޗައިނާއިން ވެސް އެމައްސަލައާ ބެހޭ ގޮތުން ވަކި އެއްޗެކޭ ނުބުނެ އެވެ.
އިންޓަޕޯލްއިން ވަނީ އެއިދާރާގެ ރައީސް ގެއްލުނު ކަމަށް ބުނާ ރިޕޯޓުތަކެއް، އިންޓަޕޯލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެރިޕޯޓުތަކަކީ އެކަމާ ގުޅުން ހުރި ފްރާންސާއި ޗައިނާގެ އިދާރާތަކުން ބަލާނެ މައްސަލައެއް ކަމަށް ބުނެފަ އެވެ. އަދި އިންޓަޕޯލް ހިންގުމުގެ ޒިންމާ އަބަދު ވެސް އޮންނަނީ އެއިދާރާގެ ސެކްރެޓަރީ ޖެނެރަލަށްކަން ފާހަގަކޮށްފަ އެވެ.
ހޮންކޮންގެ ނޫހެއް ކަމަށްވާ ސައުތް ޗައިނާ މޯނިން ޕޯސްޓުން ބުނާ ގޮތުގައި މެންގް ޗައިނާއަށް ވަޑައިގެންނެވުމާ އެކު، އެގައުމުގެ 'ޑިސިޕްލިނަރީ އޮފިޝަލުން' ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް އެނޫހުން ނުބުނެ އެވެ. (ބީބީސީ)