ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހޮވިވަޑައިގެންފައި ވާތީ، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ދާތީވެ އިތުރަށް ސަރުކާރުން ލޯނު ނުންގަވާއި އައު މަޝްރޫއުތައް މަޑު ޖައްސާލުމަށް އިބޫ އެދިވަޑައިގެންފި އެވެ.

އިބޫ މިގޮތަށް އެދިވަޑައިގެންފައި ވަނީ، އެމަނިކުފާނުގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންޝިޝަން އަހުމަދު ލަތީފު، މިއަދު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުވި ސިޓީގައި އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އިންތިގާލީ މި މަރުހަލާގައި އާ މަޝްރޫއުތައް ބީލަމަށް ނުލުމަށާއި އަދި ދައުލަތުގެ ނަމުގައި ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށެވެ.

އިންތިގާލީ މަރުހަލާގެ ކަންކަމަށް އިބޫގެ ފަރާތުން ކަނޑައަޅާފައިވާ ކޮމިޓީތަކުން މިހާރު އަންނަނީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަން އިން ވަނީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތިއްޖާ އިއުލާންކޮށްފަ އެވެ. އެ ނަތީޖާ އިން 58.4 ޕަސެންޓާ އެކު އިދިކޮޅު ކެންޓިޑޭޓް އިބޫ ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ވެފަ އެވެ.