06 Oct 2018, 10:16
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހު މާލެ ވަޑައިގެންފި އެވެ. ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ގާސިމަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފަ އެވެ. އަދި އެއް ނަންބަރު ފާލަން ދޮށުން ވެސް ގިނަ ބަޔަކު ވަނީ ގާސިމަށް މަރުހަބާ ދަންނަވައިފަ އެވެ.
ގާސިމް މާލެ ވަޑައިގެންފައި ވަނީ އެއް އަހަރަށް ވުރެ ގިނަ ދުވަހު ޖަރުމަންވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ހުންނެވުމަށްފަހު އެވެ. ގާސިމް ޖަރުމަނަށް ވަޑައިގެންފައި ވަނީ ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންވުމަށް ފަހު އެވެ.
ގާސިމް މިއަދު މާލެ ވަޑައިގެންނެވި އިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ގާސިމް ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. ގާސިމް ވިދާޅުވެފައި ވަނީ އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވީ ބޭސްފަރުވާގެ ކަންކަން ނުނިމިގެން ކަމަށެވެ. އޭނާ އަކީ އަދި ވެސް ގަވާއިދުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ޖަލުގައި ނުހުންނެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ގާސިމް ވަނީ މީގެ ކުރިން ވިދާޅުވި އެވެ.
ގާސިމްގެ އަރިހުގައި ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއަށް ފަހު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނު ވެސް ދިރިއުޅުއްވަމުން ގެންދެވީ ރާއްޖެ އިން ބޭރުގަ އެވެ.