މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓްގެ އަމާޒަކީ، ގއ އަދި ގދ އަތޮޅުގެ 35,000 ރައްޔިތުންގެ އިޖްތިމާއީ އަދި އިގުތިސާދީ ފުއްދުންތެރިކަން ކުރިއެރުވުން ކަމުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެ އެވެ.

ޒަކީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން، ޗައިނާގެ ވައިސް ޗެއާމަން އޮފް ދަ ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ) އަދި ވައިސް ޕްރެޒިޑެންޓް އޮފް ޗައިނީސް އެސޯސިއޭޝަން ފޯ އިންޓާނޭޝަނަލް އަންޑާސްޓޭންޑިން، ލީ ޖިންހުއާ އާ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުމުގައި، ރާއްޖެ އާއި ޗައިނާއާ ދެގައުމު ދެމެދުގައިވާ ގުޅުމާބެހޭ ގޮތުންނާ އަދި ގދ އަދި ގއ އަތޮޅު ތަރައްގީކޮށް، އެ އަތޮޅުގެ އިޖްތިމާއީ އަދި އިގުތިސާދީ ކުރިއެރުން ހޯދައިދިނުމަށްޓަކައި، ސަރުކާރާއި ޗެންގްޑޫ ސެންޗުރީ ސިޓީ ނިއު އިންޓާނޭޝަނަލް ކޮންވެންޝަން އެންޑް އެކްޒިބިޝަން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން، އެއަތޮޅުގައި ހެދުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެބައްދަލުވުމުގައި ޒަކީ ދެއްކެވި ވާހަކަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިހުލާސްތެރި ހެޔޮއެދުމާއި ތަހުނިޔާ، ލީ ޖިންހުއާއަށް ރައްދުކުރެއްވި އެވެ. އަދި މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓް އެކުލަވާލުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ސްޓެރެޓީޖިކް ފްރޭމްވާކް އޮފް ކޯޕަރޭޝަންގެ ދަށުން، ގއ އަދި ގދ އަތޮޅުގެ ޓޫރިޒަމާއި އުމްރާނީ ތަރައްގީ ކުރިއަރައިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްޕެޝަލް އެންވޯއީ، ޗައިނާގެ އިގުތިސާދީ ކުރިއެރުމަށް ތައުރީފް ކުރައްވައި، ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި، ލީ ޖިންހުއާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓްގެ އިތުރު މައުލޫމާތުވެސް، ސްޕެޝަލް އެންވޯއިއަށް ދެއްވި އެވެ.