ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުން ރޭ ބަތިލް ކޮށްފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ 12 މެމްބަރުންގެ މައްސަލަ އަލުން މުރާޖާކޮށް ގޮނޑި ނުގެއްލޭ ކަމަށް އީސީގެ ޖަލްސާއިން ވަނީ އިއްޔެ ނިންމައިފައެވެ.

އެ މައްސަލައަށް އެއް އަހަރަށް ފަހު ކުއްލި ގޮތަކަށް އީސީ އިން ނިންމި ނިންމުގައި ބުނާގޮތުން މެމްބަރުން ޕާޓީ ބަދަލު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ޖުލައި މަހު ކުރި ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް އެ 12 މެންބަރުންގެ މައްސަލާގައި މެދުވެރިވެފައި ނުވާ ކަމަށެވެ.

ނަމަވެސް ރޭ ރާއްޖެގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން އީސީގެ ނިންމުން ބާތިލްކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަމުން ދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަތައް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާ މެދު ބަހުސްކޮށް ވަކިގޮތެއް ނިންމުމަކީ، އިލެކްޝަން ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރަކާއި އިހްތިސޯސެއް ނޫންކަން ކަމަށެވެ.

"... ބަޔާން ކުރެވުނު 12 ފަރާތް [12 މެމްބަރުން] ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލު އަދި ޣައިރު ދުސްތޫރީ ނިންމުމަކަށް ކަމަށް ކަނޑައަޅައި މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަން ކޮމިޝަނަށާއި ދައުލަތުގެ އެންމެހާ އިދާރާތަކަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަންގައި އަމުރުކޮށްފީމެވެ،" އަމުރުގައި ބުނެފައިވެ އެވެ.

އެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން، އެހެން އެއްވެސް ފަރާތަކުން އެ މައްސަލަތަކުގެ މައުޟޫއާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް އެ އަމުރުގައި އިތުރަށް ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުތައް ބާއްވައި ނިންމައިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް އެ މެމްބަރުން ހުށަހަޅާފައިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މި ހަފްތާ ތެރޭގައޮ ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުތައް ބާއްވައި ނިންމައިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.

އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންނެވި 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އީސީން ކުރިން ނިންމުމުންގެ ސަބަބުން އެމެބަރުނަށް އެ މެމްބަރުންގެ ދައިރާ ތަމްސީލްކުރަމަށް މަޖިލީހަށް ނުވަދެވެއެވެ.