04 Oct 2018, 09:46
ރައްޔިތުން މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ 12 މެމްބަރުންގެ މައްސަލަ އަލުން މުރާޖާކޮށް ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަންއިން މި ގޮތަށް ނިންމީ އިއްޔެ އެ ކޮމިޝަން އިން ބޭއްވި ޖަލްސާއެއްގަ އެވެ.
އެ ނިންމެވުން ހާމަ ކުރައްވައި، އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ މެމްބަރުން ޕާޓީ ބަދަލު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް އެ 12 މެންބަރުންގެ މައްސަލާގައި މެދުވެރިވެފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރު ޖުލައި މަހު 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެ އަމުރު ހިނގާނީ އެ ދުވަހުން ފެށިގެން ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
އެ ހުކުމްގެ ކުރިން ޕާޓީ އިން ވަކިވުމަށް 12 މެމްބަރުން ވެސް ޕީޕީއެމް އަށް ސިޓީ ހުށައަޅާފައިވެ އެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީ އިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ސިޓީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވީ ހުކުމުގެ ފަހުންނެވެ.
ބާރާ މެމްބަރުންގެ ގޮނޑީގެ މައްސަލައަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އިސީ އިން މި ކުއްލި ނިންމުން ނިންމައިފާއި ވަނީ ރިޔާސީ އިންތިހާބަށް ފަހު، ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަޑިވަޅެގަ އެވެ. އިސީއިން އިންތިހާބުގެ ނަތީޖާ އޮޅުވާލައި ރިޝްވަތު ނަންގަވާފައިވާ ކަމަށް ޕީޕީއެމުން ތުހުމަތުކުރެ އެވެ.
ނަމަވެސް އީސީ އިން އެ ތުހުމަތައް ދޮގު ކުރެ އެވެ. އިންތިހާބު ބޭއްވީ، ގާނޫނާއި ގަވާއިދާ އެއްގޮތަކަށް ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް އައިސްފައި ނުވާ ކަމަށް އީސީ އިން ބުނެ އެވެ.