04 Oct 2018, 09:49
ކުއަލަލަމްޕޫރު (އޮކްޓޯބަރު 3): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އިން އިއްޔެ ހައްޔަރު ކުރި ރޮސްމާގެ މައްޗަށް މާދަމާ މަނީ ލޯންޑަރިންގެ ދައުވާ ކުރާނެ ކަމަށް އެކޮމިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.
ރޮސްމާ ހައްޔަރުކޮށްފައި ވަނީ މެލޭޝިއާގެ އިންވެސްޓުމެންޓު ފަންޑު ވަންއެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައިގައި އޭނާއާ ތިން ވަނަ ފަހަރަށް ސުވާލުކުރުމަށް ފަހުގަ އެވެ. މިދިޔަ ބުދަ ދުވަހު އެމްއޭސީސީ އިން ވަނީ އެ މައްސަލާގައި ރޮސްމާއާ 13 ގަޑިއިރުވަންދެން ސުވާލުކޮށްފަ އެވެ.
އަދި ރޮސްމާގެ ފިރިކަލުން ނަޖީބުގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ފަދަ 32 ދައުވާއެއްކޮށްފަ އެވެ. އޭނާގެ މައްޗަށް އެދައުވާތައް ކުރީ ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އެތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފާސްކޮށް، އެ އެޕާޓްމެންޓުތަކުން ފެނުނު ތަކެތީގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.