04 Oct 2018, 10:14
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރައްވައިފި އެވެ.
އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިބޫ އާއި ގަވަރުނަރު ބައްދަލު ކުރައްވާފައިވާ އިރު، އިބޫ ވަނީ އެމްއެމްއޭގެ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އިބޫ ގަވަރުނަރާ ބައްދަލުކުރައްވާފައިވާ އިރު، އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާވެފައިވާ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ފުލުސް އޮފީހުން ނަގާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައިވަނިކޮށް އިއްޔެ އެފްއައިޔޫގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެކި އިދާރާތަކަށް ފޮނުވައިގެން މިހާތަނަށް ބަލަމުން އަންނަ އެއްވެސް މައްސަލައެއް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށެވެ.
އިސްލާމިކް ބެންކުގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ނަގުދު ފައިސާ އިން ޖަވާވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ފައިސާ ރައީސްގެ އެކައުންޓަށް ޖަމާވެފައި ވަނީ ދެ ފަހަރެއްގެ މަތިން ކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެ އެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ސެޕްޓެމްބަރު 13 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ އަލްޖަޒީރާ އަށް ލިބިފައިވާ ކަމަށާއި އެ ސިޓީގައިވާ ގޮތުން ރައީސްގެ އެކައުންޓަށް އެންމެ ފުރަތަމަ ޖަމާކުރި 648،508 ޑޮލަރު ކަމަށާއި އެ ފައިސާ ޖަމާވީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ކަމަށާއި ބާކީ 810،635 ޑޮލަރު ސެޕްޓެމްބަރު 10 ވަނަ ދުވަހު ޖަމާވެފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
"މި ހުރިހާ ފައިސާއެއް ނަގުދު ފައިސާ އިން ވަނީ އެކައުންޓުން ނަގައިފަ އެވެ،" އެ ސިޓީގައި ބުނެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ އަކީ ރައީސްގެ ކެމްޕެއިނަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ ކަމަށް ބޭންކުން ސުވާލު ކުރުމުން ބުނެފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުނެފައިވެ އެވެ.