22 Sep 2011, 13:52
ތަފާތު ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ބިދޭސީންގެ މައްސަލަތައް ތަރުޖަމާ ކުރާނެ މީހަކު ނެތިގެން އެ މައްސަލަތަކުގެ ތަހްގީގުތައް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ، ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ތަފާތު އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ މައްސަލަތަކާ މެދު ވަކިގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެފަދަ މީސްމީހުންގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ނަމަ އެކަމަކާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އެކޯޓުން ބުންޏެވެ. ނަމަވެސް ބަޔާން ނުނެގި މައްސަލަ ކުރިއަށް ނުގެންދެވި ވަނީ އެފަދަ ކިތައް މީހުންގެ މައްސަލަ ކަމެއް ކޯޓަކުން ނުބުނެ އެވެ.
އެ ކޯޓުން ތަރުޖަމާނަކު ނެތްކަން އެނގުނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން މި އަހަރުގެ ޖުލައި މަހު ހައްޔަރުކުރި ބަންގުލަދޭޝްގެ ރައްޔިތެއްގެ މައްސަލައާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ކަމަށެވެ. ކޯޓުން އަދި ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ފަރިދް އުދިންގެ ބަޔާން ނުނެގި ދެ މަހަށް ވުރެ ދިގު މުއްދަތެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބިދޭސީންގެ މައްސަލަތަކުގައި ބަޔާން ނުނެގި ލަސްވަމުންދަނީ އެމީހުންނަށް އިނގިރޭސި ބަސް ނުވަތަ ދިވެހި ބަސް ނޭނގުމުން ކަމަށާއި އެފަދަ މީހުންގެ ބަސް ތަރުޖަމާ ކުރާނެ މީހުން ހޯދަނީ ފުލުހުން އަދި ކޯޓުން ވެސް ގަބޫލުކުރާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.