ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު ބާތިލުކޮށްދިނުމަށް އެދި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން މިއަދު ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުމަށް ފަހު ހައިކޯޓުން ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ފައުންޑޭޝަންގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް އައްޝައިހް އިބްރާހިމް ފަރީދު މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ވެއްދީ އެ ގަވާއިދަކީ ކީރިތި ގުރުއާނާއި ގާނޫނު އަސާސީ އާ ފުށުއަރާ ގަވާއިދަކަށް ވާތީ ކަމަށެވެ.

"..ހައިކޯޓަށް މިފަހަރު މި ހުށަހަޅާ މައްސަލައަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދަށުން ހަދައި ގެޒެޓްކުރެވިފައިވާ ގަވާއިދު އުވާލުމަށް ]ހުށަހަޅާފައިވާ މައްސަލައެއް[. އެއީ ކީރިތި ގުރުއާނާއި ގާނޫނު އަސާސީ އާ އެ ގަވާއިދު ފުށުއަރާތީ." ފަރީދު ވިދާޅުވި އެވެ.

ފަރީދު ވިދާޅުވީ އިސްލާމްދީނާ ޚިލާފް އެއްވެސް ގަވާއިދެއް ރާއްޖޭގައި ހެދިގެންނުވާނެ ކަމަށާއި އަދި ދީނާއި ޚިލާފް ގަވާއިދަކަށް އަމަލުކުރެވިގެން ވެސް ނުވާނެ ކަމަށެވެ. ކޯޓަށް ހުށަހެޅިފައިވާ މައްސަލާއިގައި ވަކިގޮތެއް ނިމެންދެން އެ ގަވާއިދަށް އަމަލުކުރުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އަންނަ ހަފްތާގައި ހައިކޯޓުގައި އެދޭނެކަމަށް ވެސް ފަރީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގަވާއިދަކީ އިސްލާމް ދީނާ ފުށުއަރާ ގަވާއިދަކަށްވާތީ ގަވާއިދުގެ ވަކިމާއްދާތައް ބާތިލްކުރަން ހުށަހެޅުމުގެ ބަދަލުގައި މުޅި ގަވާއިދު ބާތިލްކުރުމަށް ހުށަހެޅީ ކަމަށެވެ.

ހައި ކޯޓުން ބުނީ އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގެ އަޑު އެހުމެއް ދެން ބާއްވާނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ދީނީ ޖަމާއަތްތަކާއި ދީނީ ދަންނަ ބޭކަލުންގެ ފާޑުކިޔުން ރައްދުވެފައިވާ 12 މާއްދާގެ މައްޗަށް އެކުލެވޭ ގަވާއިދުން ބަރީއަތް ވެގެންވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި ޖަމިއްޔަތުއް ސަލަފުން ވެސް ވަނީ އެ ގަވާއިދާ މެދު ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.