14:30


މަގާމާ ހަވާލުވެވަޑައިގެންނެވިތާ ނުވަ މަސް ދުވަސް ނުވަނީސް ޖަޕާނުގެ ބޮޑުވަޒީރު ޔުކިއޯ ހަޓޮޔާމާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.


މިއަދު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހަޓޮޔާމާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަން މިނިންމެވީ އޮކިނާވާގައި ކުއްޔަށް ދީފައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް އެތަނުން ބޭރުކުރައްވާނެ ކަމަށް ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދެވޭ ގޮތް ނުވުމުން ކަމަށެވެ. އަދި މަގާމާ ހަވާލުވެވަޑައިގަތީއްސުރެ އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ޖަޕާނުގެ މައި ޝަޚުސިއްޔަތު ތަކަކީ ގައުމުގެ ރައްޔިތުން ކަމުގައި ހެއްދެވުމަށް ކަމަށާއި އެހެން ނަމަވެސް އޭނާގެ ނާކާމިޔާބީތަކުގެ ސަބަބުން މިމަސައްކަތަށް ހިޔަނި އެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އޮކިނާވާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު އެތަނުން ބޭރު ނުކުރުމަށް ހަޓޮޔާމާ ނިންމެވުމާ ގުޅިގެން އޭނާގެ މަގްބޫލުކަން ޖަޕާނުގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ޕާޓީ އާއި ޕާޓީގެ ކޯލިޝަންގެ ދެމެދުގައި ވަނީ ދެކޮޅުވެރިކަން އުފެދިފަ އެވެ. މިގޮތުން ހަޓޮޔާމާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީ އޮފް ޖަޕާން (ޑީޕީޖޭ)ގެ ކޯލިޝަނުން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ވަނީ މިދިޔަ އާދީއްތަ ދުވަހު ވަކިވެފަ އެވެ.


މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ހަޓޮޔާމާ ވަނީ ޑީޕީޖޭގެ ސެކްރެޓަރީ ޖެނެރަލް އަދި ޕާޓީގެ އެންމެ ބޮޑު ބާރުކަމަށް ގިނަ ބަޔަކު ދެކޭ އިޗީރޯ އޮޒާވާ ވެސް އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.