އިނގިރޭސި ގައުމީ ޓިމަށް ކުޅުމުގެ އަޒުމުގައި ހުރި އޮވެން ހާގްރީވްސް މެންޗެސްޓާ ސިޓީ އަށް ކުޅުނު ފުރަތަމަ މެޗުގެ ސަތާރަ މިނެޓު ތެރޭ ލަނޑެއް ކާމިޔާބުކޮށް، އެޓީމު އިނގިރޭސި ކާލިންގް ކަޕުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރުމަށް ވަނީ މަގު ފަހިކޮށްދީފަ އެވެ. ކާލިންގް ކަޕްގައި ބާމިންގްހަމް އާއި ދެކޮޅަށް ކުޅުނު މެޗު މެންސިޓީ އިން ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.

މެންޗެސްޓާ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުގެ މެދުތެރެއަށް ކުޅުމުންދިޔަ ހާގްރީވްސް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ނަގައިދީފައި ވެ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި މާރިއޯ ބަލޮޓެއްލީ މެންސިޓީއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑް ފުޅާކޮށްދީފައިވެ އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.

ޗެލްސީ އާއި ފުލަމް ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ހަތަރު ވަނަ ބުރަށް ކާމިޔާބުކުރީ ޗެލްސީ އެވެ. ޗެލްސީ އަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ޑޭވިޑް ލުއިޒް އާއި، ޖޯން ޓެރީ އާއި، ސަލަމަން ކަލޫގެ އިތުރުން ފްލޮރެންޓް މަލޫޑާ އެވެ. ޗެލްސީގެ ފްރޭންކް ލަމްޕާޑް ޖެހި ޕެނަލްޓީ ފުލަމް ކީޕަރު މާކް ޝެކްވާޒާ ވަނީ ދިފާއު ކޮށްފަ އެވެ. ފުލަމްގެ ޕެނަލްޓީތައް ބޮބީ ޒަމޯރާ، ސްޓީވް ސިޑްވެލް އަދި ކްރިސް ބަޔާޑް ކާމިޔާބުކޮށްދިން އިރު، މޫސާ ޑެމްބެލޭ އަދި ބްރަޔަން ރުއިޒްގެ ޕެނަލްޓީ ކާމިޔާބެއް ނުވެ އެވެ.

ލިވަޕޫލް ވަނީ ބްރައިޓަން އަތުން 2-1 ލަނޑުން މެޗު ކާމިޔާބު ކުރުމަށްފަހު ހަތަރު ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރެއިގް ބެލަމީ އެވެ. މިއީ ލިވަޕޫލަށް އެނބުރި އައި ފަހުން ބެލަމީ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ 81 ވަނަ މިނެޓުގައި ޑާކް ކުއިޓް ވަނީ ލިވަޕޫލަށް ދެލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. ބްރައިޓަން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އޭޝްލީ ބާންސް އެވެ. މިމެޗު ނިމުނީ 2-1 ލަނޑުން ލިވަޕޫލް ކުރީގައި އޮވެންނެވެ.

ވެސްޓް ބްރޮމް އާއި ވާދަކޮށް 2-1 ލަނޑުން މެޗު ކާމިޔާބުކޮށް އެވަޓަން އިންވެސް ވަނީ ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ކްރިސް ބްރަންޓް ވެސްޓް ބްރޮމް އަށް ލީޑު ނަގައިދީފައި ވަނިކޮށް، މެޗުގެ 89 ވަނަ މިނެޓުގައި އެވަޓަން ސަލާމަތްކޮށްދިނީ މާރުއާން ފެލާނީ އެވެ. ފުރިހަމަ ވަގުތު ހަމަވިއިރު، 0-0 ލަނޑުން ދެޓީމު އެއްވަރު ވުމުން އިތުރު ވަގުތު ކުޅެގެން ނަތީޖާ ނެރެން ޖެހުނެވެ. މެޗުގެ 103 ވަނަ މިނެޓުގައި އެވަޓަން ކެޕްޓަން ފިލް ނެވިލް ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗު ނިމިގެންދިޔައީ 2-1 ލަނޑުން އެވަޓަން ކުރީގައި އޮވެގެންނެވެ.

ޕްރެސްޓަންގެ މައްޗަށް ސައުތެމްޕްޓަން ވެސް ކުރި ހޯދީ 2-1 ލަނޑުންނެވެ. މިމެޗުގެ 27 އަދި 66 ވަނަ މިނެޓުގައި ޖޮސް ހޫއިވެލްޑް އާއި އެޑަމް ލަލާނާ ސައުތެމްޓަންގެ ލަނޑުތައް ކާމިޔާބު ކޮށްދިންއިރު، ޕްރެސްޓަން ނޯތު އެންޑްގެ ހަމައެކަނި ލަނޑު މެޗުގެ 52 އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ބާޓަން އެވެ.

ކާޑިފް ސިޓީ ވަނީ ޕެނަލްޓީ ޖަހައިގެން ލީޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދާފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 ލަނޑުން ދެޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ކާޑިފް މޮޅުވީ 7-6 ލަނޑުންނެވެ.