ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ބައްދަލު ކުރައްވައިފި އެވެ.

އިންތިހާބީ ރައީސް އިބޫ އަދި އިންތިހާބީ ނައިބު ރައީސް އިބޫ ވޭތުވެ ދިޔަ ހަފްތާގައި ވެސް އަދި މި ހަފްތާ ވެސް ސަރުކާރުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ އިސް ފަރާތްތަކާ ދަނީ ބައްދަލު ކުރައްވަމުންނެވެ.

މިއަދު މޭޖާ ޖެނެރަލް ޝިޔާމްއާ އިބޫ ބައްދަލު ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓްރީގަ އެވެ. އެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދުގެ އިތުރުން، އިބޫގެ ފަރާތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި އިބޫގެ ކެމްޕެއިން މެނޭޖަރު އަދި ގާނޫނީ ވަކީލު ހިސާން ހުސައިން ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ވޭތުވެ ދިޔަ ހަފްތާގައި އިބޫ ވަނީ އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާ ވެސް ދަނީ ބައްދަލު ކުރައްވަމުންނެވެ.

ސަރުކާރު ބަދަލުވުމުގެ ކަންކަން މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންއަކަށް އިބޫގެ ފަރާތްޕުޅުން އައްޔަންކޮށްފައި ވަނީ ހ. ސީވީޑް، އަހްމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.