ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލިލީހުގެ ދިއްގަރު ދާއިރާ މެމްބަރ ފަރިސް މައުމޫން އަދި މާމިގިލީ ދައިރާގެ މެމްބަރ ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަން ކޮށްފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން މިރޭ މިނިވަން ކޮށްފައިވަނީ ހައިކޯޓުން ކުރި އަމުރުގައިވާ ގޮތުން ކަފާލާތުގެ ދަށުން 60،000 ރުފިޔާގެ ޑިޕޮސިޓެއް އެ ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ބެހެއްޓުމުންނެވެ. ފެބްރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައި މައުމޫނަށް ވަނީ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިިދިޔަ ޖުލައި މަހު ހުކުމްކޮށްފަ އެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫނުގެ މައްޗަށް ދައުލަތުން މިހާރު ވެސް ޓެރަރިޒަމްގެ ދައުވާ އުފުލި ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ވެސް ރޭ ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ. ފާރިސްގެ ފަރާތުން 40،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުން ހައި ކޯޓުން ރޭ އަމުރުކުރީ އެ ކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށެވެ.

ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ވެސް ވަނީ އިއްޔެ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ހައިކޯޓުން އަމުރުކޮށްފަ އެވެ. އެގޮތުން އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ކަފާލާތުގެ ދަށުން 70،000 ރުފިޔާގެ ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ވަނީ ބަހައްޓައިފަ އެވެ. ބޭސްފަރުވާއަށް މިހާރު ޤާސިމް ހުންނެވީ ޖަރުމަން ވިލާތުގަ އެވެ.

މި ތިން ބޭފުޅުން ވެސް ކަފާލާތުގެ ދަށުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ އެބޭފުޅުން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ.