22 Sep 2011, 12:29
ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާ އަތްދަށުން ޗެމްޕިއަން ބާސެލޯނާ ސަލާމަތްވެ، ރިއާލް މެޑްރިޑް މޮޅުވިޔަ ނުދީ ރޭސިންގް ސަންޓެންޑާ އިން ހިފަހައްޓައިފި އެވެ. ވެލެންސިއާ އަތްދަށުވަމުން ދަނިކޮށް ބާސާ ސަލާމަތް ކޮށްދިނީ ސެސް ފެބްރިގާސް އެވެ.
މެޗުގެ 12 ވަނަ މިނެޓުގައި އެރިކް އާބިޑަލް އަތުން ބާސެލޯނާގެ ބައިކޮޅަށް ލަނޑެއް ވަދެފައިވެ އެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން ބާސާގެ ޕެޑްރޯ ވެލެންސިއާ ކޮޅަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ. 23 ވަނަ މިނެޓުގައި ވެލެންސިއާގެ ފަބްލޯ އަލުން ލީޑު ނަގައިދިނެވެ. މެޗުގެ ދެވަނަ ހާފުގައި ބާސާއަށް އަލުން ހަމަހަމަ ކޮށްދީ، ޓީމު ސަލާމަތްކޮށްދިނީ ފެބްރިގާސް އެވެ. މެޗުގެ ފަހު މިނެޓުގައި ވެލެންސިއާ ގެ ޖޯޑީ އަލްބާ އަށް ރަތް ކާޑު ދެއްކި ތަން ވެސް ފެނިގެންދިޔަ އެވެ. މިމެޗު ނިމުނީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ރެއާލް މެޑްރިޑާއި ދެކޮޅަށް ރޭސިންގް ސަންޓެންޑާ ކުޅުނު މެޗުގައި އިދިކޮޅު ރެއާލް އިން އުފެއްދި ހަމަލާތައް އެޓީމުގެ ދިފާއުން ވަރަށް ހުނަރުވެރި ކަމާ އެކު ސަލާމަތްކޮށްފައިވެ އެވެ. މިމެޗުގައި ރެއާލް މެޑްރިޑުން ސޯޅަ ހަމަލާ އުފައްދާ ފައިވާއިރު ގޯލާއި އަމާޒުވެފައި ވަނީ ދެހަމަލާ އެވެ. ރޭސިން އިން އުފެއްދި ފަސް ހަމަލާއިން ގޯލާއި އަމާޒުވީ ވެސް ދެ ހަމަލާ އެވެ. މެޗު ނިމިގެން ދިޔައީ 0-0 ލަނޑުން ދެޓިމު އެއްވަރު ވެގެންނެވެ.
ސްޕޯޓިންގް ގިޖޯންގެ މައްޗަށް ފަސޭހަކަމާ އެކު ގަދަވެގަތުމަށް ފަހު 4-0 ލަނޑުން އެތްލެޓިކޯ މެޑްރިޑުން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ސްޕޯޓިންގްގެ އަލްބާޓޯ ރަމޯސް އަތުން ބައި ކޮޅަށް ލަނޑެއް ވަނެވެ. މެޗުގެ 68 ވަނަ މިނެޓުގައި އަލްވާރީ ޑޮމިނޭޒް ސޮޓޯ އެތްލެޓިކޯ މެޑްރިޑަށް ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށް ދިނެވެ. މެޗުގެ 72 އަދި 81 ވަނަ މިނެޓުގައި ރަޑެމެލް ފަލްކޯއާ ގާސިއާ އެތުލެޓިކޯ އަށް އިތުރު ދެލަނޑު ކާމިޔާބުކޮށްދީ، ނަތީޖާ 4-0 ލަނޑަށް ބަދަލު ކުރި އެވެ.
ލަވެންޓޭ ވަނީ ރަޔޯ ވަލެކާނޯ އަތުން 2-1 ލަނޑުން މޮޅުވެފަ އެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި ވަލްޑޯ ވަނީ ލަނޑެއް ކާމިޔާބު ކޮށްދީ ލަވެންޓޭ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ސާޖިއޯ ބަލެސްޓެރޯސް ވަނީ ލަވެންޓޭ އަށް ދެލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. ރަޔީގެ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރައުލް ޓަމޫޑޯ އެވެ.
މަލާގާ އާއި ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯ ބަލިވީ 1-0 ލަނޑުންނެވެ. މެޗުގައި ބިލްބާއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މަލާގާ ގޯލުތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެ އެވެ. މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މަލާގާގެ ސެންޓި ކަޒޯލާ އެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރަކަށް ބަލާލާއިރު، އަދިވެސް އެއް ވަނައިގައި ދިހަ ޕޮއިންޓާއެކު އުޅެނީ ވެލެންސިއާ އެވެ. ގޯލުގެ ތަފާތުން ދެވަނައިގައި މަލާގާ އުޅޭއިރު، ތިންވަނައިގައި އުޅެނީ ރެއާލް ބެޓިސް އެވެ. މިދެޓީމަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ހަތަރު ވަނައިގައި އުޅެނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ބާސެލޯނާ އަށެވެ. ރެއާލް މެޑްރިޑް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެއްވަރުވުމުގެ ސަބަބުން ރޭވަނީ ގެއްލިފަ އެވެ.