ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގައި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ސިޔާސީ ގޮތުން އެންމެ އިސްކޮށް ހުންނަވާނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ހަމަޖައްސައިފި އެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ވެރިކަމުގެ ބާރުތައް ވަކިކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ފަރާތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ހަމަޖައްސާފައި ވަނީ ސިޔާސީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އަދި ޝާހިދުގެ ދަށުން، ޑިރެކްޓަރު ޖެނަރަލް އޮފް ޓްރާންސިޝާން އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ނައްތާލައި ވަޒީފާތަކަށް މީހުން އައްޔަން ކުރުމާއި ކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި މާރިޔާ ވަނީ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލައްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްޔެ އިލެކްޝަންސް ކޮމިސަނުން ވަނީ އިއުލާން ކޮށްފަ އެވެ. ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާގައި މާބޮޑު ފަރަގެއް ނެތް އިރު އިދިކޮޅު ކެނޑިޑޭޓު އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައި ގަތީ، 96،123 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.6 ޕަސެންޓެވެ.