ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައި އެ ޕާޓީގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިންތިޚާބު ކޮށްފި އެވެ.

ޕީޕީއެމްގެ އެކްސސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާފައި އިއްޔެ ދަރުބާރުގޭގަ އެވެ. މި ކޮންގްރެސްގައި އެޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު އަދި ކައުންސިލަށް 20 މެންބަރުން އިންތިޚާބު ކޮށްފައިވެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބުކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރެވެ.

ޕީޕީއެމްގެ ކައުންސިލަށް އައްޔަނުކޮށްފައި ވަނީ 10 އަންހެނުން ބޭކަނބަލުންނާއި 10 ފިރިހެން ބޭފުޅުންނެވެ.

އިއްޔެގެ ކޮންގްރެސް ކުރިއަށް ގެންގޮސްފައި ވަނީ މީޑިއާ އަށް ފުރުސަތު ނުދީ އެވެ.

ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ރައީސް ޔާމީން ވަނީ ނޮވެމްބަރު 17ގެ ފަހުން އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.