މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާނު ކޮށްފި އެވެ.

ރަސްމީ ނަތީޖާ ދައްކާ ގޮތުން ކެންޑިޑޭޓު ނަންބަރު އެކެއް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. ކެންޑިޑޭޓު ނަންބަރު ދޭއް، އިބްރާހިމް މުހައްމަދު ސޯލިހަށް 134705 ވޯޓު ލިބިވަޑައިގެންނެވި ކަމަށް ރަސްމީ ނަތީޖާ ދައްކަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓް ލީ މީހުންގެ 58.4 ޕަސެންޓެވެ. އަދި ރައީސް ޔާމީނަށް ލިބިވަޑައިގަތީ ވޯޓް ލީ މީހުންގެ 41.6 ޕަސެންޓެވެ.

ރަސްމީ ނަތީޖާގައި ބުނެފައި ވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިޚާބު ކާމިޔާބުވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 262135 އެވެ. އިންތިޚާބުގައި 230757 މީހުން ވޯޓުލާފައިވެ އެވެ.

ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބާ ގުޅޭ 423 މައްސަލައެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ނަތީޖާ އަށް ބަދަލު އަންނަ އެއްވެސް ޝަކުވާ އެއް ނުހިމެނޭ ކަމަށެވެ. ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ވެސް 14 ދުވަހުގެ ތެރޭގައި އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ގާނޫނުން ދީފައިވެ އެވެ.