ނިމިގެންދިޔަ ރިޔާސީ އިންތިހާބްގެ ނަތީޖާ ބާތިލް ކުރުމަށް އެއްވެސް ތަނަކަށް ހުށަހަޅާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް ވިސްނުމެއް ޕީޕީއެމުން ނުގެންގުޅޭ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އެހެން ވިދާޅުވެފައިވަނީ، ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެއެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ އެކު ބޭއްވި ކައުންސިލް ބައްދަލުވުމަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ އިންތިހާބު ބާތިލް ކުރުމަށް ޕީޕީއެމުން ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ ސޯސަލް މީޑިއާގައި ފަތުރަނީ ދޮގު ހަބަރެއް ކަމަށާއި އެފަދަ އެއްވެސް މަޝްވަރާއެއް ޕާޓީގެ ތެރޭގައި ކޮށްފައި ނުވާނެ ކަމަށެވެ.

އިންތިހާބް ބާތިލް ކުރުމަށް ޕީޕީއެމުން ހުށައަޅަން އުޅޭ ވާހަކަތައް ނިހާން ދޮގު ކުރެއްވި ނަމަވެސް އޭނާ ވިދާޅުވީ، އިންތިހާބާއި ގުޅިގެން ބައެއް ޝަކުވާތައް އެ ޕާޓީއަށް ލިބެމުންދާ ކަމަށާއި އެ ކަންތައްތައް ޕާޓީގެ ލެވަލްގައި ބަލަމުން އަންނަ ކަމަށެވެ.

ޕީޕީއެމުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ އާންމު މެންބަރުންގެ ފަރާތުން ލިބިފައިވާ ބައެއް ޝަކުވާތައް ކަމަށާއި ނަމަވެސް އިންތިހާބް ބާތިލް ކުރަން ނުވަތަ ނަތީޖާ އިއުލާން ކުރުން ފަސް ކުރަން އެދިފައި ނުވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވަނީ ވޯޓުލާފަ އެވެ.

އެ ނަތީޖާ ގަބޫލުފުޅު ކުރެއްވި ކަން އިންތިޚާބު ބޭއްވި ދުވަސް ނޫން އަނެއް ދުވަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.