26 Sep 2018, 15:27
އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ވެސް ދެއްވާފައިވާ ކަމަށް އިބޫގެ ތަރުޖަމާނު ހާމަކުރައްވައިފި އެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އިބޫ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ބޮޑުވަޒީރު މޯދީ އިބޫއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެމަނިކުފާނަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އެރުވި ކަމަށެވެ.
"ބޮޑުވަޒީރު ޝްރީ މޯދީ ވަނީ ޕްރެޒިޑެންޓް އިލެކްޓަށް ދައުވަތު ދެއްވާފައި ވީހާވެސް އަވަހަކަށް [އިންޑިއާއަށް] ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް. އެ ދައުވަތާ ގުޅިގެން އަޅުގަނޑުމެންގެ ޕްރެޒިޑެންޓް އިލެކްޓް ވެސް ވަނީ އެމަނިކުފާނަށް ދައުވަތު ދެއްވާފައި އެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް،" މާރިޔާ ވިދާޅުވި އެވެ.
އިންތިހާބީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިބޫ، މޯދީއަށް ދައުވަތު ދެއްވާފައިވާ އިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ރަސްމިއްޔާތަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށްވެސް ދައުވަތު ދެއްވާފަ އެވެ. ވިކްރަމަސިންހައަކީ ރައީސް ނަޝީދާ ވަރަށް ގާތް ބޭފުޅެކެވެ.
އާދީއްތަ ދުވަހުގެ އިންތިހާބުން މިހާރުގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިބްރާހިމް މުހައްމަދު ސޯލިހު ކުރިހޯއްދެވީ 38،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. އިބޫއަށް އިންތިހާބުން 58.4 ޕަސަންޓު ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސަންޓް ވޯޓެވެ.