26 Sep 2018, 13:58
ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ފޯނުން ގުޅުއްވައި، އެމަނިކުފާނަށް ކޮލޮމްބޯއިން އަބަދު ވެސް މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ދެއްވައިފި އެވެ.
އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވައި، ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. އާދީއްތަ ދުވަހުގެ އިންތިހާބުގެ ކާމިޔާބީއަށް ފަހު، ލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފަ އެވެ.
ލަންކާގެ ޑެއިލީމިރާ ނޫހުން ރިޕޯޓުކުރި ގޮތުގައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައީސް އަބްދުﷲ ޔާމީނަށް ގުޅުއްވީ ރައީސް ނަޝީދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުގަ އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން، ބޮޑުވަޒީރު ރަނިލް ވަނީ ރާއްޖޭގައި ބޭއްވީ ވަރަށް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރައްވާކަން ރައީސް ޔާމީނަށް ވިދާޅުވެފަ އެވެ. އަދި އެފަދަ އިންތިހާބަކަށް މަގުފަހިކޮށްދިނީތީ ރަނިލް ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން، ރައީސް ޔާމީނަށް ސްރީލަންކާއަށް އަބަދު ވެސް ވަޑައިގެންނެވޭނެ ކަމަށާއި އެމަނިކުފާނަށް ކޮލޮމްބޯއިން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އާދީއްތަ ދުވަހުގެ އިންތިހާބުން ރައީސް ޔާމީނުގެ މައްޗަށް އިބްރާހިމް މުހައްމަދު ސޯލިހު ކުރިހޯއްދެވީ 38،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. އިބޫއަށް އިންތިހާބުން 58.4 ޕަސަންޓު ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީން އިންތިހާބުން ނާކާމިޔާބުވެވަޑައިގަތީ 41.6 ޕަސަންޓް ވޯޓާ އެކު އެވެ.