މި އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމުގެ ދައުވަތު، ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް އަރުވައިފި އެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީހާ ހަވާލައިދީ، ލަންކާގެ ކޮލޮމްބޯ ގެޒެޓު ނޫހުން ބުނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެމަނިކުފާނަށް ދެއްވީ، ސްރީލަންކާގައި މިހާރު ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ރަނިލްއާ ގާތް ގުޅުމެއް އޮންނަ ކުރީގެ ރައީސް ނަޝީދު، އާދީއްތަ ދުވަހު ރާއްޖޭގައި އޮތް އިންތިހާބަށް ފަހު އެމަނިކުފާނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ބެހޭ މައުލޫމާތު ހިއްދާކުރެއްވި އެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގައި ސްރީލަންކާގެ ގިނަ އިންވެސްޓްމެންޓުތަކެއް ހުރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އިންވެސްޓްމެންޓު އިތުރުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

އާދީއްތަ ދުވަހުގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް 38،000 އެއްހާ ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވައި، ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުއަށް ރަނިލް ވަނީ ފޯނުން ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން އެދުނު ކޮންމެ ކަމެއްވެސް ކުރުމަށް ސްރީލަންކާ ތައްޔާރަށް ހުރިކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ އިންތިހާބީ ރައީސް އިބޫއަށް އަރުވައިފަ އެވެ.