26 Sep 2018, 13:50
ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޗައިނާ އިން މަރުހަބާ ކިޔައިފި އެވެ.
އިންތިޚާބީ ރައީސަށް މަރުހަބާ ކިޔައި ޗައިނާގެ ފޮރިން މިނިސްޓްރީ އިން އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ކަމަށާއި ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިން ޕިންގްގެ ޒައާމަތުގައި މި ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވެސް ދެގައުމު ގުޅިގެން މި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން." ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގު ޝުއަންގް ނެރުއްވި ބަޔާނުގައިވެ އެވެ.
ޗައިނާ އާއި ރާއްޖެ އާ ދެމެދު، 2017ގެ ޑިސެމްބަރު މަހު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިބޫގެ ސަރުކާރުގައި ވެސް އިހުތިރާމު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިވެފައިވާއިރު ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ އެހީގައި އެގައުމުގެ ކުންފުނިތަކުންނެވެ.
ޗައިނާ އާއި ރާއްޖެ އާ ދެމެދު ގުޅުން ބަދަހިވެފައިވާއިރު އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފަ އެވެ.