ގއ. ގެމަނަފުށީގައި ކޮންޓްރޯލެއް ނެތި ޑެންގޫ ފެތުރެމުންދާ ކަމަށް ބުނެ، އަދި އެކަން ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށްބުނެ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ރޭ ކުއްލި މައްސަލައެއް ހުށައަޅާފައިވާ ކަމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅު ވެއްޖެ އެވެ.

ސަން އަށް މަޢުލޫމާތު ދެއްވަމުން އަލީ އާރިފް ވިދާޅުވީ އެމައްސަލަ މަޖިލިހުގެ ސަރުކާރު ޒިންމާދާރު ކުރާ ކޮމިޓީއަށް ހުށައެޅުއްވީ އޭނާގެ އިތުރަށް ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އާއި ކިނބިނދޫ ދާއިރާގެ މެންބަރ މޫސާ ޒަމީރު ކަމަށެވެ.

"ގެމަނަފުށީގައި މިހާ ދުވަސް ވަންދެން ޑެންގީ ކޮންޓްރޯލް ނުކުރެވި، ދިގުދެމިގެން ދިޔަ ސަބާބާއި، އަދި މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތައް އަޅުގަނޑުމެން ބަލަން ބޭނުންވޭ" އަލީ އާރިފް ވިދާޅުވި އެވެ.

އެ ތިން މެންބަރުން ސޮއިކުރައްވައި މަޖިލިހުގެ ސަރުކާރު ޒިންމާ ދާރުކުރާ ކޮމިޓީގެ ކުއްލި ބައްދަލްވުމެއް ބާއްވައި ދެއްވުމަށް އެދި ހުށައެޅުއްވި މައްސަލާގައި ބުނެފައި ވަނީ ގެމަނަފުށީގައި ޑެންގީ އެއްވެސް ކޮންޓްރޯލް އެއްނެތި ފެތުރި، ކަންބޮޑުވާ ހިސާބަށް ގޮސްފައިވާއިރު ވެސް ސަރުކާރުގެ މުވައްސަސާތަކުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށެވެ.

ގެމަނަފުށީގައި ޑެންގީ އާއި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ނުކުރެވި ފެތުރެމުންދާއިރު، މަދިރި މަރާނެ ގޮތެއް ނެތް ކަމަށް ގެމަނަފުށީގައި މަދިރި ކޮންޓްރޯލް ކުރާ ޓާސްކްފޯހުން ވަނީ ބުނެފަ އެވެ.

ޓާސްފޯހުގެ މެންބަރު، މުހައްމަދު ޝިޔާމް ވިދާޅުވީ ދުންޖަހާނެ ފޮގް މެޝިން ހޯދައި ދިނުމަށް ސަރުކާރުގައި އެދުނު ނަމަވެސް މިހާތަނަށް އެފަދަ މެޝިނެއް ހޯދައިދީފައި ނުވާ ކަމަށެވެ.

"މަދިރި މަދުކުރުމަށް ބޭނުންވާ މެޝިނެއް ހޯދަން ގައުމީ އިދާރާއަށާއި ހެލްތު މިނސްޓްރީގައި އަޅުގަނަޑުމެން ވާނީ އެދިފައި، އެހެންނަމަވެސް ހެލްތު މިނސްޓްރީން ވިދާޅުވެފައި ވަނީ ބޭސް ލިބިދާނެ ކަމަށް. ފޮގް މެޝިނެއް ދޭވަރަށް ފައިސާ ނެތް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.