މިނިވަން މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލުކުރާނީ ބަންޑާރަ ނައިބު ކަމަށް ކުރިން ހަމަޖެއްސި އުސޫލު އުވާލައި، މުއައްސަސާތަކަށް ވަކިން ވެސް ދައުވާ ކުރެވޭނެ ގޮތް ހަދައިފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި ސުޕްރީމް ކޯޓުން އާންމު ކުރި ސިޓީގައިވާ ބުނެފައި ވަނީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކާއި އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާއި އެ ފަރާތްތަކަށް ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެ އިދާރާއެއް ނޫނީ މުއައްސަސާއެއް ތަމްސީލު ކުރާނީ އެ ފަރާތަކުން އަމިއްލައަށް ކަމަށެވެ.

ނަމަވެސް އެ މައްސަލައަކީ މުޅި ދައުލަތުގެ މަސްލަހަތު އޮތް މައްސަލައަކަށްވާ ނަމަ، އެ މައްސަލައެއް ހުށަހަޅާފައިވާ ކޯޓެއްގެ ހުއްދަ ލިބިގެން ބަންޑާރަ ނައިބަށް އެފަދަ މައްސަލައެއްގައި ވަކާލާތު ކުރެވިދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ސިޓީގައިވެ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އުސޫލެއްގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުން ދައުވާތައް ކުރާނީ އަދި ދައުލަތުގެ އެންމެހާ މުއައްސަސާތައް ކޯޓްގައި ތަމްސީލު ކުރާނީ ބަންޑާރަ ނައިބެވެ.