ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު މިހާރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޮންގްރެސް އެއް ބާއްވަން ނިންމައިފި އެވެ.

ކުއްލި ގޮތަކަށް ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފައި ވަނީ އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ގައުމީ ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ގައުމީ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސް އެންމެ ފަހުން ބާއްވާފައި ވަނީ 2013 ވަނަ އަހަރެވެ.

ޕާޓީ ތެރޭގައި ޖެހުނު މައްސަލަތަކަށް ފަހު ޕީޕީއެމުގެ ކޮންގްރެސް އިން އޭރު އިންތިޚާބު ކުރި މަގާމުތަކަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ޕާޓީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މަގާމުން ދުރުކޮށް ޕާޓީން ވަކިކުރުމެވެ. އަދި ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީނާ ހަވާލުކުރުމެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް ޔާމީނާއި ހަވާލުކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމުގައި ޕާޓީގެ ގައުމީ ޖަލްސާއެއް ޕާޓީގެ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރު ކުރި ނަމަވެސް 2016 ވަނަ އަހަރު ކުރި އެހުކުމާ އެއްގޮތަކަށް ގައުމީ ޖަލްސާއެއް މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު އެޕާޓީގެ އިންތިޚާބީ ރައީސް މައުމޫނަށް ތާއީދު ކުރާ ފަރާތްތަވކުން ވަނީ ކޮންގްރެސް ހުއްޓުވާނެކަމަށް ބުނެފަ އެވެ.

ރައީސް މައުމޫން ޖަލުގޭގައި ހުންނެވި އިރު، އިންތިޚާބީ ރައީސް އިބޫ ވަނީ އޭނާގެ ސަރުކާރެއްގައި ޕީޕީއެމް އޭގެ އަސްލު ވެރިންނާ ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ޕީޕީއެމުގެ ހިންގުން، ރައީސް މައުމޫނާ ހަވާލު ކުރުމަކީ އިބޫގެ ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ކުރާނެ ކަމަށް ވިދާޅުވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.