25 Sep 2018, 16:26
ސަރުކާރު އޮފީސްތަކުގެ ލިޔެކިޔުންތައް ނައްތާލާ ވާހަކަ އަޑުއިވިވަޑައިގަންނަވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވެލައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންތިޚާބީ ރައީސްގެ ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އޮފީސްތަކުގެ ލިޔުންތައް ނައްތާލުމަކީ އެކަމަށް ބޮޑު އަދަބެއް ކަނޑައެޅިފައިވާ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކުރާކަން އެނގޭ ނަމަ އެކަން ރިޕޯޓުކުރުމަށް ވެސް މާރިޔާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިފަދަ އަމަލެއް ހިންގާތަން ފެނިއްޖެ ނަމަ ފޮޓޯ އާއި ވީޑިއޯ ނަގައި ހެކި ބެހެއްޓުމަށް ވެސް މާރިޔާ އެދިވަޑައިގަތެވެ.
މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަންތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި އިންތިޚާބީ ރައީސް އިބޫ 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށް ފަހު ވަގުތުން އޮފީހަށް ނިކުންނަވާ މަސައްކަތް ފައްޓަވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ބުދަ ދުވަހު [އިންތިޚާބުގެ] ދާއިމީ ނަތީޖާ އިއުލާނު ކުރަންވާއިރަށް ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އިއުލާނުކޮށް ހުވާކުރައްވާ ދުވަހު މަސައްކަތް ފެށުމަށް އިންތިޒާމުތައް ދަނީ ކުރަމުން،"
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެއްވެސް ހަމަނުޖެހުމަކަށް ތަން ނުދިނުމަށް އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ގާނޫނުގެ ތެރެއިން އެ އޮންނަ ފަރާތްތަކާ ވާހަކަ ދައްކައި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންތައް ކުރަންޏާ އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިދަނީ."