ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިން ޕޮލިސް ކޮމިޝަރަނު އަބްދުﷲ ނަވާޒު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ އެކްޓިން ސީޕީ ނަވާޒު އިބޫއާ ބައްދަލުކުރައްވައި، މަރުހަބާ ދެންނެވި ކަމަށެވެ.

މާރިޔާ ވަނީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވުމުން އޭރު ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އެމަނިކުފާނާ ބައްދަލުކުރައްވައި މަރުހަބާ ދެންނެވިކަން ފާހަގަކުރައްވާފަ އެވެ.

މާރިޔާ ވިދާޅުވީ 23 ސެޕްޓެމްބަރުގެ އިންތިހާބު އިބޫ ކާމިޔާބުކުރެއްވުމުން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެމަނިކުފާނަށް ގުޅުއްވައި މަރުހަބާ ވިދާޅުވި ކަމަށެވެ.

"ރާއްޖެއިން އެދޭ ކޮންމެ ކަމެއްވެސް ސްރީލަންކާއިން ކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، އިބޫއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެ، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވިކަންވެސް ފާހަގަކުރެއްވި އެވެ.