25 Sep 2018, 16:17
ގއ. ކޮލަމާފުށީގައި ހަދާފައި ހުރި ޕީޕީއެމް ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 18 މީހުން ދޫކޮށްލައިފި އެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް ކޮލަމާފުށިން 18 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ކޯޓުން މިމަހުގެ 18 ވަނަ ދުވަހު ވަނީ 15 ދުވަސް ޖަހާފަ އެވެ.
އެމީހުން ދޫކޮށްލާފައިވާކަން ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވަނީ ކަށަވަަރުކޮށްދީފަ އެވެ. ނާޒިމް ވިދާޅުވީ އެ 18 މީހުން ވެސް ދޫކޮށްލީ ބަންދު ރިވިއު ކުރުމަށް ކޯޓަށް ހާޒިރުކޮށް ކޯޓުން ކަމަށެވެ.
އެމީހުން ދޫކޮށްލާފައި މިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިންތިހާބުގައި ބަލިކޮށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނިކޮށެވެ.
ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން މުއްދަތެއް ނެތް ގޮތަށް ތަހުގީގަށް ބަންދުކޮށްފައި ތިބި ބައެއް ސިޔާސީ އިސް ފަރާތްތަައް ވެސް ކްރިނިމިނަލް ކޯޓުން ރޭ ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ހިމެނި ވަޑައިގަންނަވަ އެވެ.