އާދީއްދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން މަރުހަބާ ކިޔައިފި އެވެ.

އެމްޑީއޭއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިބޫގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއި އަދުލުވެރިކަން ގާއިމުކުރައްވާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި އެ ވެރިކަމަކީ ހަމަހަމަކަން ގާއިމުކުރާނެ ހެޔޮ ވެރިކަމަކަށް ވާނެކަމަށް އުންމީދު ކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި، ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްވާފައިވާތީ އެމްޑީއޭއިން ވަނީ އެމަނިކުފާނަށް ވެސް މަރުހަބާ ކިޔައިފަ އެވެ.

އިންތިހާބުގައި އިބޫއަށް 58.4 ޕަސަންޓު ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ ވޯޓުގެ 41.6 ޕަސަންޓެވެ.