ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ފެނިގެންދާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ނާކާމިޔާބީއާ ގުޅިގެން، ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޕީޕީއެމުން އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން ނިންމާފައި ވަނީ އިއްޔެ ބޭއްވި، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސް ޔާމީނެވެ.

އެ ބައްދަލުވުމަށް ފަހު ޕީޕީއެމް އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ބައިވެރިވެވަޑައިގަތެވެ.

އަބްދުއްރަހީމް ވިދާޅުވީ ތަަރައްގީ ލޯމަތީގައި ފެންނަން ހުއްޓައި ރައްޔިތުން ބޭނުންވާ ބަސް އިއްވައިފައިވާ ކަމަށާއި ރައްޔިތުންގެ އެ ނިންމުން ޕީޕީއެމުން ބަލައިގަންނާނެ އެވެ. އޭނާ ވިދާޅުވީ ބަލިވުމުން ވަކި ބައެއްގެ ބޮލުގައި ޒިންމާ ނާޅުވާނެ ކަމަށާއި ރައްޔިތުން ކުށްވެރި ކުރުމުގެ މާނައެއް ނެތް ކަމަށެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، ގައުމާއި ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރުމުގައި ޕާޓީ ދެމިއޮންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީން ފެނިގެންދާނެ ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ރައީސް ޔާމީން ހަރަކާތްތެރިވެވަޑައިގަންނަވާނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި. އަޅުގަނޑުމެން ތިބޭނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުުމުގައި ނިހާން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ ރީތި ގޮތަކީ ބަލިވާ ބަޔަކު އެކަން ގަބޫލުކުރުން ކަމަށެވެ. އަދި ޕީއެމަކީ އަބަދުވެސް އެ އުސޫލްގައި ހަރަކާތްތެރިވާނެ ޕާޓީއެއް ކަމަށާއި ޕީޕީއެމްގެ ސަރުކާރުން ދައްކައި ދިނީ ލާމަސީލު މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ވޯޓުލި ޖުމުލަ 230،748 މީހުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. ނަތީޖާތަކުން ދައްކާ ގޮތުން އަދި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ.