25 Sep 2018, 13:40
މިދިޔަ އާދިއްތަ ދުވަހު ނެގި ވޯޓުން ރައްޔިތުންގެ ބަސް ވަރަށް ސާފު ކަމަށާއި ނަތީޖާ ގަބޫލުކުރައްވައިފިކަމަށް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވައި، ރިޔާސީ އިންތިހާބުން ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ރައީސް ޔާމީން އިއްޔެ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ހޭދަކުރެއްވީ ދަތި އުނދަގުލުގައި ކަމަށެވެ. އެމަނިކުފާނު ފިޔަވައި އެއްވެސް ވެރިއަކަށް އެފަދަ އުނދަގޫތައް ކުރިމަތިވެވަޑައިގެންނެވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް، މިއިން ކޮންމެ ފަހަރަކު ވެސް އަޅުގަނޑު މަސައްކަތްކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި. އެއިން އެއްވެސް ކަމަކަށް އަޅުގަނޑު ދޫކޮށްލިނަމަ، ސަކަމް ކުރިނަމަ، ދިވެހި ރައްޔިތުންގެ މަސްލަހަތު ގެއްލިގެންދާނެ ކަންތައްތައް، ކޮންމެފަހަރަކު ވެސް އަޅުގަނޑާ ކުރިމަތިވެފައި އޮތީ،"
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްކުރެއްވީ ގައުމު އާރާސްތުކޮށް، ގެއްލިފައި ހުރި ހުރިހާ އާދަތައް އަނބުރައި ދިވެހި އުސޫލުތަކަށް ބަދަލުކުރަން ކަމަށެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވި ކަންކަމުގެ ވާހަކަތައް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު މަސައްކަތްކުރެއްވީ އެއްވެސް ގިންތިއަކަށް ތަފާތުކުރުމެއް ނެތި ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ފެންނަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް އިޚްލާސްތެރި އެތައް ބަޔަކު ވޯޓު ދެއްވި ކަމަށާއި ސަޕޯޓަރުން ކޮށްދިން މަސައްކަތް އިހްލާސްތެރިކަމާ އެކު ބަލައިގަންނަވާ ކަމަށެވެ.
"ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، އިއްޔެ ދިވެހި ރައްޔިތުން، އެމީހުންގެ ގޮތް ބުނެދީފިއޭ. އެ ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފީމު. އަދި މިއަދު ކުޑައިރުކޮޅެއް ކުރިން، ދެން ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ދިވެހިން އިންތިހާބުކޮށްފައި އެ ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު މަރުހަބާ ވެސް ދަންނަވައިފިން. އަޅުގަނޑު ބައްދަލުވެސްކޮށްފިން،"
ރައީސް ވިދާޅުވީ އެމަނިކުފާނު ކުރެއްވީ އިހްލާސްތެރި ހިދުމަތްތަކެއް ކަމަށާއި ސެޕްޓެމްބަރު 23ގެ ނަތީޖާ ގަބޫލުފުޅުކުރައްވައި ވެވުނު މިންވަރަކުން ހިދުމަތުގައި ދެމިހުންނެވުމަށް ގަސްދުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މިވަގުތު ރައްޔިތުންގެ އަރިހުން މައާފަށް އެދެމުން، އަޅުގަނޑު ހިދުމަތުން ދުރަށްޖެހިލާ ވާހަކަ، ހުރިހާ ރައްޔިތުންނަށް ދަންނަވަން،" ރައީސްކަމުގެ މަގާމުގައި ނޮވެމްބަރު 17ގެ ނިޔަލަށް ދެމިހުންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.