22 Sep 2011, 12:03
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބިދޭސީ ދެ ކުޅުންތެރިއަކު ވީބީ ސްޕޯޓްސް ކުލަބަށް ގެނެސްފި އެވެ.
ވީބީ ސްޕޯޓްސްގެ މެނޭޖާ އިބްރާހީމް ރަޝީދު (ސަތޯ) ބުނީ، ޓީމާ ގުޅުނު ދެ ކުޅުންތެރިންނަކީ ޖަރުމަންގެ ދެ ކުޅުން ތެރިން ކަމަށެވެ.
"އެދެ ކުޅުން ތެރިން ޓީމާ ގުޅުނު ފަހުން މިހާރު އަށް ދުވަސް ވެއްޖެ. ޓީމާއެކު އެ ދެކުޅުންތެރިން އަންނަނީ ޓްރޭނިން ވެސް ފުރިހަމަ ކުރަމުން،" ސަތޯ ބުންޏެވެ.
ސަތޯ ބުނީ ދިވެހި އެއްވެސް ކުޅުންތެރިއަކު ޓީމަށް އަދި ގެންސްފައި ނުވާއިރު، މިފަހަރު ޓީމަށް ގެނައި ދެ ކުޅުންތެރިން ނަކީ މެދެ ތެރެއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށެވެ.
"ދިވެހި އެއްވެސް ކުޅުންތެރިއަކު އަދި ގެނެސްފައެއް ނުވާނެ. އަދި ދިވެހި ކުޅުންތެރިއަކު ގެންނަން ވާހަކަ ދައްކާފައެއް ނުވާނެ. މިފަހަރު ގެނައި ބިދޭސީ ދެ ކުޅުންތެރިންނަކީ އަންނަ އަހަރަށް ޓްރޭލްއަކަށް، ރަނގަޅުތޯ ބަލާލުމަށް ގެނައި ދެ ކުޅުންތެރިން " ސަތޯ ބުންޏެވެ.
އަންނަ ސީޒަނަށް ވީބީ ތައްޔާރު ވަމުން އަންނައިރު، މިސީޒަނުގައި ވެސް އަދި އެންމެ ކާމިޔާބު އެއް ޓީމެއްގެ ގޮތުގައި އޮތީ ވީބީ އެވެ. އެގޮތުން ދާދި ފަހުން ވީބީ ވަނީ މިއަހަރުގެ ދިރާގު ދިވެހި ލީގު ވެސް ހޯދާފަ އެވެ. މިއީ ވިދިވިދިގެން ތިން ވަނަ ފަހަރު ވީބީން ލީގު ހޯދި ފަހަރެވެ.