25 Sep 2018, 14:20
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންޑިއާ އަށް ވަޑައިގަތުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދައުވަތު އަރުވައިފި އެވެ.
އިއްޔެ، މޯދީ ވަނީ އިބޫ އަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. މޮދީ ވަނީ، އިންތިހާބާ ގުޅިގެން ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.
އިބޫ އިންޑިއާ އަށް ވަޑައިގެންނެވުމަށް މޮދީ ދައުވަރު އެރުވީ، އެ ފޯނުކޯލުގަ އެވެ. އަދި އިބޫ ވަނީ އެދައުވަތު ގަބޫލު ކުރައްވައި، ކައިރި މުސްތަގުބަލެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް މޮދީ އަރިހުގައި ވިދާޅުވެފަ އެވެ.
ފާއިތުވި ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ހީނަރުވެފައިވާ ކަމަށާއި އިބޫގެ ވެރިކަމެއްގައި، ދެ ގައުމުގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ.
އަދި އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އަލުން ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މޮދީގެ ފޯނުކޯލާ ގުޅޭ ގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ދެ ލީޑަރުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އާދިއްތަ ދުވަހުގެ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބޫ ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.