22 Sep 2011, 11:57
ހދ. ނޭކުރަންދޫގައި ހައި ސެކިއުރިޓީ ޖަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ) ރޭ ވިދާޅުވީ 22 ހެކްޓަރުގެ ބިމެއްގައި އަޅާ އެ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގައި ބޭނުންކުރާނީ ދެ ވަނަ ފުރުސަތުގެ ޕްރޮގްރާމްގައި ދޫކުރި 100 ވަރަކަށް ގައިދީން ކަމަށެވެ. އަންނަ ހަފްތާގައި އަމަލީ މަސައްކަތް ފަށާ އެ ޖަލުގެ ފުރަތަމަ ވިންގުގައި 80 މީހުންގެ ކެޕޭސިޓީ ހުންނާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު އެ ރަށަށް ގޮސް އެ ސަރަހައްދު ބަލައި ރުއްތަކަށް ބަދަލުދީ ހަދައިފިން. އަންނަ ހަފްތާގައި އެ މަސައްކަތަށް ބޭނުންވާ 15 ވަރަކަށް ގައިދީއަކު އެކޮޅަށް ފޮނުވާނަން. ޖުމްލަ ގާތްގަނޑަކަށް 100 ގައިދީން އެ ޕްރޮޖެކްޓުގައި ބޭނުން ކުރާނަން. މިހާރު ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކުރުމުގެ ޕްރޮސެސްގައި މި އުޅެނީ،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
ކުރިއަށް އޮތް 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ ޖަލުގެ ފުރަތަމަ ވިންގު އިމާރާތްކުރުމުގެ މަސައްކަތުގައި ގައިދީން ކުރާނީ ކޮންޓްރެކްޓުގެ ބޭރުން ކުރަންޖެހޭ "ގުރައުންޑް ސަޕޯޓިންގެ މަސައްކަތްކަމަށް ނައީމް ވިދާޅުވި އެވެ.
"އެއީ ކޮންޓްރެކްޓުގެ ބޭރުން ކުރަންޖެހޭ ކަންކަން. މިސާލަކަށް ތަން ސާފުކޮށް ފެންސްޖަހާ، ފަސްގަނޑު އެއްވަރުކޮށް، ތަކެތި އެއްގަމަށް ގެންގޮސް އެތަކެތި ބަލަހައްޓާ. އެކަހަލަ ކަންކަން. ޖަލު އިމާރާތްކުރުން ކޮންޓްރެކްޓަރަށް މި އޮންނަނީ. އެކަން ކުރާނީ ކޮންޓްރެކްޓަރު. ގައިދީނެއް ނޫން،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
އެ ހުރިހާ ގައިދީންނަށް ވެސް ފުޑް އެލަވެންސާއި އެކޮމޮޑޭޝަނާއި ޕޮކެޓްމަނީ ވެސް ދޭނެ ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިދީން ބޭނުންކޮށްގެން ޖަލެއް އެޅޭ ފަހަރު. މިއީ އެކަމުގައި ޖަލުގެ މީހުން ބައިވެރި ކުރެވޭ ވެސް ފަހަރު. އަޅުގަނޑުމެން ދެކެނީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
މެގާ އެ ޖަލުގެ ސަބަބުން ނޭކުރަންދޫގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވި އެ ރަށުގެ ތަރައްގީއަށް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ނައީމް ވިދާޅުވި އެވެ.
"ރަށުގެ ރައްޔިތުން އެކަމަށް ތާއީދުކޮށްގެން ތިއްބެވީ. އެއީ އެބޭފުޅުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި އިތުރު ތަރައްގީ ލިބިގެން ދާނެ. ގައިދީން އޭ ބުނީމައި އެއީ ނުރައްކާތެރި ބައެއް ނޫން. މާފުށީގައި ވެސް އެމީހުން ނުކުމެ ދުވަނީކީ ނޫން. އަނެއްކާ މި ޖަލަކީ ޒަމާނީ ޑިމޮކްރަޓިކް ގައުމުތަކުގައި ހުންނަ ގޮތަށް ހައި ސަކިއުރިޓީ ޖަލެއް،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޖަލު ހެދުމަށް 266 މިލިން ރުފިޔާ ހަރަދުވާނެ ކަމަށެވެ.