17 Oct 2018, 09:13
ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފަރާތުން ގެނެސްދޭން ނިންމާފައިވާ ކޮމެޑީ ފިލްމު "މާމުއި" ޝޫޓިން މިހާރު ނިމުމަކާ ގާތް ވެދާނެއެވެ. ޑާކްރެއިންގެ ފިލްމުތައް ޕްރޮޑިއުސްކުރާ މުހައްމަދު އަލީ (މޮގާ) ހުރީ މިފަހަރުގެ ފިލްމުން ވެސް އޯޑިއަންސް ހެއްވާލަން ތައްޔާރަށެވެ.
އައިޝަތު ފުވާދާއި ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު(ޗިއްޕެ)ގެ ވާހަކަ އަކަށް ހަދާ އެ ފިލްމުގެ ޝޫޓިން ފެށިގެން ހަލުވި މިނުގައި ކުރިޔަށްދާ އިރު އެމީހުން އަންނަނީ ޝޫޓިންގެ ތެރެއިން ބައެއް ތަރިންގެ ފޮޓޯ ވެސް އާންމުކުރަމުންނެވެ. ފިލްމުގެ ދެ ލަވައެއް ވެސް ބެލުންތެރިންނާ ހަމަޔަށް މިހާރު ވަނީ ގެނެސްދީފައެވެ.
ޝޫޓިން ފެށުމުގެ ކުރިން ތަރިންނަށް ކިޔާ ނަންތަކާއެކު ފޮޓޯ ވަނީ އާންމުކޮށްފައެވެ. މީހުން ހެއްވާލާނެ ކަހަލަ މަޖާ ނަންތަކެކެވެ. ފިލްމުގެ ޓީމުން ޝެއަރ ކުރަމުން އަންނަ ފޮޓޯ ތަކުން ހުރިހާ ތަރިން ވެސް ފެންނަނީ ނުލާހިކު ޗާލުކޮށެވެ. ފަރި މޭކަޕްތަކުގައި ތަރިން ފެންނަމުންދާތީ ފިލްމާ މެދު ކުރެވޭ އުންމީދު ބޮޑު ވާނެކަން ގައިމެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ޝީލާ އާޢި ސުނީ....
އެ ފިލްމުގައި ފެނިގެންދަނީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އިސްމައިލް ޖުމައިހް (ޖުމާ) އަދި މަރިޔަމް މަޖުދާ (މަޖޫ) އަދި މަޝްހޫރު މޭކަޕް އާޓިސްޓު ސޭންޑީގެ ފަރި މޭކަޕް ތަކެވެ.
ދެން ހިތަށް އަރާނީ މި ފިލްމުގައި ތަރިން ފަރި މޭކަޕް ތަކުގައި ފެންނަ އިރު ފިލްމު ވެސް އެހާ ފުރިހަމަ ވާނެ ބާވައެވެ؟ އެއީ ގިނަ ބަޔަކު ހިތަށް އަރާނެ ސުވާލެއް ކަމާ މެދު ޝައްކެއް ނެތެވެ.
"ސަން" އަށް ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު ޗިއްޕެ ބުނީ، ފިލްމުގެ ތަރިން ރީތި މޭކަޕް ތަކެއްގައި ފެންނަ އިރު ފިލްމު ވެސް އެހާ ޗާލު ވާނެ ކަމަށެވެ. "މާމުއި" ގެ ޓީމުން ތިބީ ތަފާތު ދައްކަން ރެޑީގައެވެ.
"ހަމަ ޔަގީންކަން ދެން ފިލްމު ވެސް އެހާ ސަޅި އަދި އެހާމެ ފުރިހަމަ ވާނެ ކަމަށް، ވަރަށް ސަޅި ކޮށް ޝޫޓިން ވެސް ދަނީ، މި ބަލަނީ މި މަސް ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން ނިންމާލެވޭނެ ކަމަށް،" ޑާކްރެއިންގެ ގިނަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޗިއްޕެ ބުންޏެވެ.

"މާމުއި" ގެ ޕޯސްޓަރެއް....
ޗިއްޕެ ބުނަނީ، "މީ ލޯތްބަކީ" އާއި "ވާށޭ މަށާ އެކީ ފަދަ ފިލްމުތައް ކަމުދިޔަ ބަޔަކަށް "މާމުއި" ވެސް ކަމުދާނެ ކަމަށެވެ. އަދި ފިލްމުގައި ބެލުންތެރިން ހެއްވާލާނެ އެތައް މަންޒަރެއް ހުންނާނެ ކަމަށް އޭނަ ފާހަގަ ކުރިއެވެ.
ވިޒްއަލް އާޓްގެ ދާއިރާއިން ގައުމީ އެވޯޑު ވެސް ހާސިލްކޮށްފައިވާ ޗިއްޕެ ބުނީ، ފިލްމުގެ ކާސްޓުންގެ ފަރާތުން ލިބޭ ސަޕޯޓް ވަރަށް ފާހަގަކުރޭ ކަމަށާއި ހުރިހާ ތަރިން ވެސް ފިލްމު ތަފާތު ފިލްމަކަށް ހަދަން ބޭނުންވާ ކަމަށެވެ.
"މާމުއި"ގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

"މާމުއި" ގެ މަންޒަރެއްގައި އައްޒަ...
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.
"މާމުއި" ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުއެވެ.