ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް، އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި އެސްޓީއޯ އިން ކޯސްތަކެއް ފެށުމަށް ނިންމާ، އެކަމަށް އެއްބަސްވެއްޖެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދެވެ. އަދި ޖީއީ ހެލްތު ކެއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމާ އެންގޭޖްމަންޓްގެ މި ސަރަހައްދުގެ ހެޑް، މަރޫތު ސެތިއާ އެވެ.

އެ ރަސްމިއްޔާތުގައި މިހާދު ވިދާޅުވީ، އެސްޓީއޯ އަކީ މުހިއްމު ތަނެއް ކަމަށާއި ގިނަަ ރައްޔިތުން އިތުބާރުކުރާ ތަނެއް ކަމަށެވެ. އަދި އެސްޓީއޯ އިން ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއް ވެސް ފުރިހަމަ ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ދާއިރާ ފުޅާކުރެވޭތޯ މަސައްކަތް މިކުރަނީ. ރަނގަޅު ފެންވަރުގެ އިކުއިޕްމަންޓް އެބަހުރި. އެކަމަކު ކުދިން ޓްރެއިން ކުރުވަން އެބަޖެހޭ. ކުދިން ޓްރެއިން ކުރުމަށް ޖީއީ އާ އެއްބަސް މިވަނީ. ފަންނުވެރިން ބޭނުންވޭ،" މިހާދު ވިދާޅުވި އެވެ.

ރާއްޖެއަކީ ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ގައުމެއްކަމަށާއި، އެ ދާއިރާގައި މަދުވަނީ އެކަމަށް ފަންނީ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއެފްއޯ މިހާދު ވާހަކަ ދައްކަނީ--- ސަން ފޮޓޯ/ އަހްމަދު އަވްޝަން

ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން، އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ އެޗްއާރް އެޑްމިން ބީޑީ، ފާތުމަތު އާޝަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އާއިލާ ކައިރީ ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އާޝަން ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ކޯސްތަކަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށާއި ޕްރޮގްރާމްތައް ފަށައިގަންނައިރު 25 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށެވެ.

"ފުރަތަމަ ގެންދާނީ ރޭޑިއޮލޮޖިސްޓުން ތަމްރީން ކުރުމާއި ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް. މި ކޯސްތަަކަކީ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ،" އާޝަން ވިދާޅުވި އެވެ.

ޖީއީ ހެލްތުކެއާ އަކީ، އޭވިއޭޝަން، ރިނިއުބަލް އެނާޖީ، ވެންޗަރ ކެޕިޓަލް އެންޑް ފައިނޭންސް ފަދަ ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކް (ޖީއީ) ސަބްސިޑަރީ ކުންފުންޏެކެވެ.